އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) އަކީ ވަށާޖެހޭ ތައުލީމަށް ރާއްޖެ ލޯ ހުޅުވައިދިން ސްކޫލު ކަމަށާއި މިއަދު ރާއްޖެ މިވަނީ އަނެއްކާވެސް އީޕީއެސްއަކަށް ބޭނުން ޖެހިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އީޕީއެސްއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމަށް މިރޭ ބޭއްވި "ހިދުމަތުގެ ހަވީރު" ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ މީގެ 52 އަހަރު ކުރިން އީޕީއެސް އުފެދިގެން އައީ ރާއްޖެއަށާއި ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އީޕީއެސް އުފެދިގެން އައީ ދުރު ވިސްނޭ އަދި ރާއްޖެއަށް ހެޔޮއެދޭ، ހާއްސަކޮށް ރާއްޖޭގެ ތައުލީމަށް ލޯބިކުރާ އޭރުގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރި މަސައްކަތުން ކަމަށާއި އެކަމަކީ ވަރަށް މުހިންމު އަދި އަގު ނުކުރެވޭ ފަދަ ހިދުމަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 1960 ގެ އަހަރުތަކުގައި މާލޭގެ އަވަށްތަކުގައި ކިޔަވައިދޭ ސްކޫލުތައް އޭރުގެ ސަރުކާރުން އުވާލި ކަމަށާއި އޭގެ ސަބަބުން މާލޭގައި ތައުލީމު ބޭނުންވެފައި ތިބި އެތައް ދަރިވަރުންނަކަށް ފުރުސަތު ގެއްލިގެން ދިޔަ ކަމަށެވެ. ހާއްސަކޮށް ރާއްޖެތެރެއިން ތައުލީމުގެ ބޭނުމުގައި މާލެ އަންނަ ކުދިންނަށް އޮތް ފުރުސަތުތައް އެއްކޮށް ބަންދުވި ކަމަށެވެ.
"އެފަދަ ހާލަތެއްގައި ތައުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންނެއް ތިއްބައި ތައުލީމަށް ލޯބި ކުރާ ދަރިވަރުންތަކެއް ނުކުމެ 1968 ވަނަ އަހަރު އީޕީއެސް ވުޖޫދަށް އައީ،" ރައީސް ވިދާޅުވިއެވެ.
ގައުމެއް ތަރައްގީވެ ކުރިއަރާނީ ދަރީންނަށް ދެވޭ ތައުލީމެއްގެ ސަބަބުން އެކަނި ނޫން ކަމަށާއި ދެވޭ ތައުލީމާ އެއްވަރަށް ތަރުބިއްޔަތާއި ތަމްރީނު ދެވިގެން ކަމަށެވެ. އީޕީއެސްއިން އެއިރު ކޮށްދިން ކަމަކީ އެއީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެވުނު ތައުލީމާއެކު ދަރިވަރުންނަށް ތަމްރީނުތައްދީ ތަރުބިއްޔަތު ކުރި ކަމަށާއި މުޅި މުޖުތަމައަށް ލޯ ހުޅުވައިލަ ދިން ކަމަށެވެ. މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް އެކަމުގެ ހަގީގަތް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ.
"އޭގެ ތެރޭގައި ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީ އާއި މިނީ ޔޫއެންއޯ އާއި އަތޮޅުތައް ތަމްސީލުވާ ގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި ކެޑޭޓާއި ގާލްގައިޑާއި ސްކައުޓާއި މިހެން ގޮސް އެތައް އެތައް އިތުރު ހަރަކާތްތަކެއް އީޕީއެސް ތެރޭގައި އޭރު ކުރިއަށް ގެންދިޔަ. މިއަދުގެ ނަމުންނަމަ ވަށާޖެހޭ ތައުލީމު އެއިރު އެއޮތީ އީޕީއެސްގައި ފެށިފައި، އަޅުގަނޑު ދަންނަވާނީ މިއަދު މި ރާއްޖެ މިއޮތީ އީޕީއެސްއަކަށް ބޭނުން ޖެހިފައި،" ރައީސް ވިދާޅުވިއެވެ.
އީޕީއެސްއިން އުފެއްދި ދަރިވަރުން މިއަދު މުޅި ރާއްޖޭގެ އެންމެ އުހުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ސިފައިންނާއި ފުލުހުންނާއި ސިޔާސީ ފަރާތްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު އީޕީއެސްގައި ކިޔެވި ދުވަސްވަރުގެ ހަނދާންތައްވެސް ޖަލްސާގެ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ. އަދި އެކުގައި ކިޔެވި ދަރިވަރުންނާއި ކިޔަވައިދިން މުދައްރިސުންގެ ހަނދާންތައް އާކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އީޕީއެސް ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ކުރަމުން ގެންދަނީ ވަރަށްވެސް މުހިންމު މަސައްކަތްތަކެއް ކަމަށާއި އީޕީއެސްގެ ނަމާއި އެތަނުން ކޮށްދިން ހިދުމަތް ދާއިމަށް ދެމިގެންދާނެ ގޮތަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމުގެ އެހީތެރިވުމަށް ކުރެވެންހުރި މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު