ޚަބަރު

ޕަރީ ފެންގަނޑު ހިމެނޭހެން ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

އަލީ ޔާމިން

ހައްދުންމަތީގެ ހަ ސަރަހައްދެއް ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައާއެކު ހިމާޔަތްކުރައްވަން ރައީސް ނިންމެވީ ލ. ގަމު ބޮޑަ ފެންގަނޑު ނުވަތަ ޕަރީ ފެންގަނޑު ސަރަހައްދާއި ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި ލ. ބޮޑުފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދާއި ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދާއި ލ. ގާދޫ-ހިތަދޫ ކަނޑު ސަރަހައްދާއި ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދެވެ.

އެ ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

ލ. އަތޮޅަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު ސިޓީގެ ސަރަހައްދަކާއި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް (ޖުމުލަ 14،423 ހެކްޓަރު) މިހާތަނަށް މި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ.