މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މަހުން އަގު އެއްކުރި އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަމްރީނުތަކުގައި މިފްކޯއިން ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން މި ތަމްރީން ހަރަކާތްތަކުން ބައިވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ކްލާސްތަކާއި އަމަލީ ގޮތުން ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް ގެންދިޔުމަށް މިފްކޯގެ ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެން ގެމަނަފުށީގެ ފަރާތްތަކަށް މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި މިހާރު ވެސް ގޭގޭގައި އުފައްދައި ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ތައްޔާރުކޮށް ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ކްލާސްތައް ނަގައިދޭނީ މިފްކޯގެ މަސް ކާރުހާނާގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވާ ފަންނީ ބޭފުޅާއެވެ.

މި ތަމްރީނުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއް ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮތްގިރީގެ މަސް ކާރުހާނާގައި ދެ ދުވަހުގެ ތަމްރީނެއް ދޭނެއެވެ. އަދި އެ ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭނެއެވެ.