ގަމު ފުޓުބޯޅަ މުބާރާތް

ފޯރިގަދަ މެޗުގައި މާހިންނައިން ގޯޅި ބަލިކޮށްފި

ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ކުޅުނު ފޯރިގަދަ މެޗުގައި މާހިންނަ ސްޕޯޓްސް ކްލަބުން ގޯޅި ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި ސަޕޯޓަރުންގެ ފޯރިއާއެކު މިއަދު ކުޅުނު މެޗު މާހިންނައިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު، ދެވަނަ ހާފުގެ ތެރޭގައި ޖަހައިދިނީ މާހިންނަގެ ޖާޒީ ނަންބަރު 27 އަހުމަދު ހާފިޒެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އޭނާއެވެ.

މިހާތަނަށް ގްރޫޕް ބީގައި ކުޅެފައި ވަނީ ދެ މެޗެވެ. އެ ގްރޫޕުގައި ފުރަތަމަ ކުޅުނު މެޗުގައި މާބައިދޫ ކައުންސިލް އިދާރާއިން އަމިގޯސް ސްޕޯޓްސް ކްލަބުގެ މައްޗަށް 3-1 އިން ކުރި ހޯދާފައިވާ އިރު، އެ ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީވެސް މާބައިދޫއެވެ. ދެވަނައިގައި މާހިންނަ އޮތް އިރު، ގޯޅި އޮތީ ތިންވަނައިގައެވެ. ފުލުގައި އޮތީ އަމިގޯސް ސްޕޯޓްސް ކްލަބެވެ. އެ ގްރޫޕުގައި ޕޮލިސް ޓީމުން އަދި މެޗެއް ކުޅެފައެއް ނުވެއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް އޭގެ މެޗެކެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ދަނބިދޫން ނުކުންނާނީ އައިލެންޑް ޔޫތު ޔުނައިޓެޑާ ދެކޮޅަށެވެ. މާދަމާގެ މެޗަކީ ދަނބިދޫއަށް މުބާރާތުގެ ފުރަތަމަ މެޗެވެ. އައިލެންޑް ޔޫތު ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ފޮނަދޫ ކައުންސިލުގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ގަމު ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި އެ މުބާރާތް ވެގެންދަނީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތަށެވެ. މުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ ފޯމެޓަކަށެވެ.

މުބާރާތުގައި ޖުމުލަ ދިހަ ޓީމު ވާދަކުރާނެއެވެ. ގްރޫޕް އޭގައި ހިމެނެނީ އައިލެންޑް ޔޫތު ޔުނައިޓެޑް، ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާގެ އިތުރުން ތިއްތި ސްޕޯޓްސް ކްލަބާއި ކުނަހަންދޫ ކައުންސިލް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް އިދާރާއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ލ. މާބައިދޫ ކައުންސިލް، އަމީގޯސް ސްޕޯޓްސް ކްލަބު، ތުނޑި ގޯޅި ސްޕޯޓްސް ކްލަބު، މާހިންނަ ސްޕޯޓްސް ކްލަބު އަދި ޕޮލިސް ކްލަބެވެ.