ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ވަނީ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ކުޅެފައެވެ. މުބާރާތުގައި ފުރަތަމަ ކުޅުނު މެޗަކީ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ސީއެމްއެފް ސްޕިރިޓާއި ސްޓެލްކޯ ކްލަބު ވާދަކުރި މެޗެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ސީއެމްއެފް ސްޕިރިޓެވެ. މެޗުގެ މޮޅު ކުޅުންތެރިތަކަށް ހޮވުނީ ސީއެމްއެފް ސްޕިރިޓްގެ ޖާޒީ ނަންބަރު 17 ޖިހާން މުހައްމަދެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ސީޕީޑީން ކައުންސިލް އަންހެން ޓީމު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސީޕީޑީގެ ޖާޒީ ނަންބަރު 1 ފާތިމަތު އަފާއެވެ.

މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ އަށް ޓީމެކެވެ. އަންހެން ޑިވިޝަންގައި ތިން ޓީމަކުން ވާދަކުރެއެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖު މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އަންހެން ޑިވިޝަންގައި ލީގު ބުރެއް ކުޅުމަށްފަހު ދެން ކުޅޭނީ ފައިނަލް މެޗެވެ.

މުބާރާތުގައި މިރޭވެސް ތިން މެޗު އޮންނާނެއެވެ. މުބާރާތުގައި މިރޭ އޮންނާނީ ފިރިހެން ޑިވިޝަންގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ޑީޓީއާރާސީން ހިންމަފުށީ ޕޮލިހާ ދެކޮޅަށް ނުކުންނަ އިރު، ދެން އޮންނަ މެޗުގައި އައްސޭރި ޕްރިޒަން ނުކުންނާނީ ކައުންސިލާ ދެކޮޅަށެވެ. ފަހު މެޗުގައި ސީއެމްއެފް ނުކުންނާނީ އައިބީސީއާ ދެކޮޅަށެވެ.

ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް، އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތް ކުރިއަށްދާނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައިވަނީ މިމަހު 20 އިން 28 އަށެވެ.

މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.