"އިންޑިއާ އައުޓް" ޝިއާރު ހިއްޕަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިންގަވަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ފުލުހުން ނުކުމެ އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ކޯކަސް ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރަށް ގޮވާލަން ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ވަނީ ބައްދަލުވުމުގެ ހުރިހާ ބައިވެރިންގެ އިއްތިފާގުން ފާސްވެފައެވެ.

އެ ގަރާރަށް ތާއީދުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި އެއްގައުމުން އަނެއް ގައުމުގެ ރައްޔިތުން ބޭލުމަށް ނުގޮވާނެ ކަމަށާއި އެއީ ތަހުޒީބީ ޑިމޮކްރަސީތަކާ ހިލާފުކަމެއް ކަމަށެވެ. އެގޮތުން އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މާލެ ތެރޭގައި ރާއްޖޭގައި އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސަކު ނުކުންނަވައި މުޅި މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖައްސަވައިގެން ނުކުންނަވާ އަޅުގަނޑުމެންގެ ރައްޔިތުންނާ ބައްދަލުވީމާ އެނގޭ ލަދު ގަންނާނެކަން. ވިސްނަވާ އަޅުގަނޑު އެހެން ޖަހައިގެން ނުކުމެފިނަމަ ތިބޭފުޅުން ލަދުގަންނާނެ ވަރު. އަޅުގަނޑަށް އެބަ އެނގޭ އަދި ތިބޭފުޅުންނަށް އެބަ އެނގޭ އުނދަގޫވާނެކަން. އަޅުގަނޑު ކައިރީގައި ބަލަ ރައީސޭ ތިހުރީ ހާދަހާ ބާވަތަކަށޭ ހެދުން އަޅައިގެން، ބައްލަވާށޭ ޖައްސަވައިގެން ތިހުރި އެއްޗެއްވެސް، އެހެން ދަންނަވަންވެސް އުނދަގޫވާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ޖައްސަވައިގެން ރައީސް ޔާމީން އުޅުއްވުމަކީ، ރާއްޖޭގެ މަސްލަހަތާ ހިލާފު ކަމެއް ކަމަށާއި އެއީ ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ހުށަހަޅާ ގަރާރު ސަރުކާރުން ބަލައިގަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނު މިނިވަންވެވަޑައިގެންނެވި ފަހުން "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެ ޝިއާރުގެ ރަތް ޓީޝާޓް ތުރު ކުރައްވައިގެން ރައީސް ޔާމީން ގެންދަވަނީ މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން އެ ކެމްޕޭނަށް އަންނަ ބުރާސްފަތި ދުވަހު ރައީސް ޔާމީން، ފ. ނިލަންދުއަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ.