މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްއަށް އެރި ތޫފާން "ރައި" އަކީ އެ ގައުމަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެ ތޫފާނުގައި ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހުނު އިރު, މިހާތަނަށް 375 މީހަކު ވަނީ މަރުވެފައެވެ. ގިނަ ސަރަހައްދުތައް ވަނީ ކާނާ އާއި ބޯފެނަށް ޖެހިފައެވެ. ތޫފާނުގައި ބިންގަނޑު ކަޑައިގެން ގޮސް, ގެތައް ވެއްޓި އެތައް ބަޔަކު ގެއްލިފައިވާ އިރު, 380,000 މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ.

ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ މެދުތެރޭގައި އޮންނަ ސީބޫ ޕްރޮވިންސް ސަރަހައްދަށެވެ. އެ ސިޓީގައި ހުންނަ އެއާވޯކްސް އޭވިއޭޝަން އެކަޑެމީއަކީ ޕައިލެޓް ޓްރެއިނިންއަށް ދިވެހި ގިނަ ދަރިވަރުންތަކެއްދާ ތަނެކެވެ. އެ ކުދިން ތިބޭ ލަޕު ލަޕު ސިޓީއަށްވެސް ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވަކި ރަށެއްގެ ގޮތުގައި އޮންނަ އެ ސިޓީއަކީ ސީބޫ ސިޓީއާ ދެ ބުރިޖުން ގުޅިފައި އޮންނަ ރިސޯޓް ސިޓީއެކެވެ.

ސީބޫ ސިޓީގައި ހުންނަ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގައި ހުރި ދަރިވަރަކު "ވަން" އަށް ކިޔައިދިން ގޮތުގައި, އެތަނުގައި އެ އެކެޑަމީގައި ކިޔަވަމުން އަންނަ ޖުމުލަ 32 ކުއްޖަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 24 ކުއްޖަކު ދެ އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ޑޯމެޓްރީއެއްގައި އުޅޭ އިރު, ހަ ކުދިން އުޅެނީ ކައިރީގައި ހުންނަ ފުލެޓެއްގައެވެ. އިތުރު ދެ ކުއްޖަކު ވަކިން އުޅޭ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި, އެތަނުގައި ތިބި ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު މިހާރު އަމިއްލަ ހަރަދުގައި, ސައިކަލެއްގައި އެހެން ސަރަހައްދަކަށް ދިއުމަށް ދަތުރުވަނީ ފަށައިފައެވެ. އެކުދިންގެ ހަބަރެއް ފަހުން ނުވެއެވެ. ނަމަވެސް ބާކީ ތިބި ކުދިންގެ އަތުގައި ސައިކަލެއް އަދި އަމިއްލައަށް ތަނަކަށް ބަދަލުވުމަށް ފައިސާ ނެތުމުން, ތާށިވެ ހާލުގައި ޖެހިފައިވާ ކަމަށް ބުންޏެވެ.

"ޑޯމް ބިލްޑިންގުގެ އޯލްޑް ބިލްޑިންގުގެ ތިން ރޫމެއްގެ ސީލިން ވެއްޓި, އެއް ކޮޓަރީގެ ފުރާޅުގެ ޓިނުގަނޑު ނައްޓައިގެން ގޮސްފަ. އާ ބިލްޑިންގް ކޮރިޑޯގެ ސީލިން އާއި ތިން ރޫމެއްގެ ސީލިން ވަނީ ވެއްޓިފަ. އަދި އެބަ އުޅޭ ދެ ރޫމެއް ސީލިން ވެއްޓޭ ނުވެއްޓޭ ހާލުގަ އެތަން އޮތީ... ހޯލްވޭ ތަކާއި ޑޯމެޓްރީގެ ޑްރައިވޭގަ ނިދަމުން މިދަނީ," ދިރިއުޅޭ ތަނުގެ ހާލަތު ކިޔައިދެމުން ދަރިވަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި, މުޅި ސަރަހައްދުން ކަރަންޓު ކެނޑި ފެނުގެ ހިދުމަތްވެސް ނުލިބޭ އިރު, އެ ހިދުމަތް ހަމައެކަނި ލިބެނީ ހޮސްޕިޓަލާއި މޯލްއަކުންނެވެ. އަދި ކަރަންޓު އެންމެ އަވަހަށްވެސް ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނަނީ މަހެއްހާ ދުވަސް ފަހުންނެވެ.

ދަރިވަރު ބުނި ގޮތުގައި, މިވަގުތު ބޯނެ ފެން އެބަހުއްޓެވެ. ނަމަވެސް އެހެނިހެން ކަންކަމަށް ފެން ލިބުމަށް ދަތިވެފައިވާތީ, ފެން ހޯދައި ފެން ވަރައިގެން އުޅެނީ ކައިރި ގެތަކުގެ ފެން ވަޅުންނެވެ.

އެތަނުގައި ތިބި ދަރިވަރުން ބުނި ގޮތުގައި އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޭރޭ މީހުންގެ އުނދަގޫ ބޮޑު ސަރަހައްދަކަށް އެތަން ވުމެވެ. ޑޯމެޓްރީގައި ސެކިއުރިޓީ ގާޑަކާއި ތަން ބަލަހައްޓާނެ މީހަކު ހުއްޓަސް, ތޫފާނުގައި ޖެހުނު ވައިގައި ޑޯމެޓްރީގެ ދަގަނޑު ގޭޓު "ފަތްޖެހިފައި" ވާތީ, އެކަމުގެ ނުރައްކާ ބޮޑު ކަމަށް ދަރިވަރުން ބުންޏެވެ.

"ސްކޫލުންވެސް އައިސްފަ ބުނި ފޭރޭ މީހުންނަށް ފާރަލައިގެން ތިބެއްޗޭ. މިއީ ސޭފް ތަނެއް ނޫނޭ. ކަމެއް ނުވެ ގޭޓު އޮތް ނަމަ ވަގުތުން ނަގައި ގޭޓު އަޅުވާލެވޭނޭ. އެކަމަކު ގޭޓު އޮތީ ފުދޭވަރަކަށް ފަތްޖެހިފައި. ސެކިއުރިޓީ އިސް އަ ބިގް ކޮންސާން," ދަރިވަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި, ފޭރޭ މީހުންގެ ނުރައްކާ އޮތުމުން, ދަރިވަރުން ނިދަނީ ޑިއުޓީ ބަހައިގެން ކަމަށެވެ.

"ވަން"އާ ވާހަކަ ދެއްކި ދަރިވަރަކު ބުނި ގޮތުގައި, ކެއްކުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރިހާ ކުދިންވެސް ބޭނުންކުރަނީ ކަރަންޓު ސާމާނު ކަމަށާއި ނަމަވެސް ކަރަންޓު ކެނޑިފައިވާތީ, އެ އެއްޗެހި ބޭނުން ނުކުރެވޭ ކަމަށެވެ. ގުރޫޕްތަކަށް ކައްކައިގެން އުޅުނަސް, ކައްކާނެ އުނދުނެއް ނެތް ކަމަށާއި ގޭސްފުޅިވެސް ބާކީ ހުރީ އެންމެ ފުޅިއެއް ކަމަށް ބުންޏެވެ.

"ކަންމަތީ ފިހާރަތަކުން ލުއި ކާނާ އެއްޗެހި ލިބޭ. ގިނަ ކުދިން ހަރުކާނާ ނުކައި އެ އުޅެނީ. އެކަމަކުވެސް ކައިގެންނޭ އުޅެނީ ބުނެވިދާނެ, ހަރުއެއްޗެއް ނުކައި. ކައްކަން ޖެހިފަ ވަނީވެސް ދަރުން," ދަރިވަރަކު ބުންޏެވެ.

ދަރިވަރު ބުނި ގޮތުގައި, ނެޓްވޯކް ނުލިބުމުގެ ސަބަބުން އެ ހާލަތުގައި ތަނަކަށް ގުޅަންވެސް ދާން ޖެހެނީ ދިރިއުޅޭ ސަރަހައްދާ ނުވަ ކިލޯ މީޓަރު ދުރުގައި ހުންނަ ގައިސަނޯ ގްރޭންޑް ނަމަކަށް ކިޔާ މޯލްއަށެވެ. އެ ސަރަހައްދުގައި އުޅޭ އެންމެން ދާ ތަނަކީވެސް އެއީއެވެ. ނަމަވެސް މޯލްއާ ހިސާބަށް ގޮސް ގުޅުމަށްވެސް ކުރަން ޖެހެނީ އުނދަގޫ ދަތުރެކެވެ.

"ފުރަތަމަ މިތަނަށް (މޯލް) އަށް ބައިސްކަލުގައި އައި އިރު, މަގުމައްޗަށް ވެއްޓިފައި އޮތް ގަސްތަކާއި ހޮޅިދަނޑިތަކާ އެއްޗެހި ގިރާކުރަން ޖެހޭ. މިހާރު ޓްރެވަލް ކުރަން ފަސޭހަ. އެކަމަކު ނޯމަލް ދުވަހެއްގައި މޯލްއަށް އާދެވެނީ 50 ޕޭސޯއަށް. ނަމަވެސް މިކަމެއް ވިފަހުން (ތޫފާން އެރިފަހުން) މިދިޔަ ތިން ދުވަހު މިތަނަށް މި އާދެވެނީ 300 އަށް. މިއަދު އާދެވުނީ 400 އަށް. ގޭހުގެ އަގު މައްޗަށްދާ ވަރަކަށް އެދަނީ މައްޗަށް. އެޓް ސަމް ޕޮއިންޓް ލާރި ހުސްވެއްޖެއްޔާ ނާދެވޭނެ. ލާރި ނަގަން ސިޓީއަށް ކުދިން ދިޔައީ 70 ޑޮލަރު ހޭދަކޮށްފަ. ނަމަވެސް މަދު ކުއްޖަކަށް ލާރި ނެގުނީ," ދަތުރުތަކުގެ އަގު އުފުލެން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދަރިވަރު ބުންޏެވެ.

އެ ދަރިވަރު ބުނި ގޮތުގައި, ގިނަ ކުދިންނަށް ފޮނުވާ ފައިސާ ނަގަނީ މަހަކު އެއް ފަހަރު ނުވަތަ ދެ މަހުން އެއް މަހުއެވެ. ނަމަވެސް ތޫފާނުގެ ސަބަބުން މިއަދު ފައިސާ ނެގޭނެ ގޮތެއްވެސް ނެތެވެ. އަތުގައި ހުރި މަދު ޑޮލަރުކޮޅު މާރު ކުރެވޭނެ ގޮތެއް ނެތް އިރު, އެކަން ކޮށްދޭން ގިނަ ބަޔަކު ދެކޮޅު ހަދައެވެ.

"ވީ ނީޑް ހެލްޕް އާޖަންޓްލީ,"

މިކަމާ ގުޅިގެން ސަރުކާރުން އިއްޔެ ބުނީ, ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އެގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެގޮތުން ދިވެހި ދަރިވަރުން ކިޔަވާ ފްލައިން ސްކޫލާ ގުޅިފައިވާ ކަމަށާއި ކާނާ އާއި ބޯ ފެން މިހާރު އެކުދިންނަށް ލިބިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް އެ ސަރަހައްދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކަށް ދަތިތަކާ ދިމާވެފައިވާ އިރު, ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަރުކާރުން ބުންޏެވެ.