ފިލިޕީންސަށް އެރި ތޫފާން ރާއީގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އެގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސަށް އެރި ބާރުގަދަ ތޫފާން، ރާއީއަކީ މިއަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެއެވެ. އެ ތޫފާނުގައި ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހި، އެގައުމުގެ އެކި ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސް އެކި ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މިގޮތަށް ގެއްލުންވި އެއް ސިޓީއަކީ ސީބޫއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ދިވެހި ދަރިވަރުން ކިޔަވާ ފްލައިން ސްކޫލާ ގުޅިފައިވާ ކަމަށާއި އެތަނުގައި ރާއްޖޭގެ 45 ދަރިވަރުން އެބަތިބި ކަމަށެވެ. އަދި ކާނާ އާއި ބޯ ފެން މިހާރު އެކުދިންނަށް ލިބިފައިވާ ކަމަށާއި ހުރިހާ ދަރިވަރުންގެވެސް ހާލު އާއްމު ގޮތެއްގައި ރަނގަޅު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ތޫފާނުގެ ސަބަބުން އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ބައެއް ދަރިވަރުންގެ ބެލެނިވެރިންނާއި ފޮރިން މިނިސްޓްރީން އިއްޔެ އާއި މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.

ތޫފާނުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކަށް ދަތިތަކާ ދިމާވެފައިވާ ކަމަށެވެ. ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ސަފީރާއި ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.