ރައްޔިތުންގެ މަޖިލިސް

ބަނލްދޭޝް ބޮޑުވަޒީރު ޝައިޚް ހަސީނާ މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތުދޭން ފާސްކޮށްފި

އިބްރާހިމް ޒަކީ

އަންނަ ބުދަ ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އެރުއްވުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެކަމަނާއަށް ދައުވަރު އެރުވުމަށް ފާސްކުރީ، ޖަލްސާއަށް ވަޑައިގެން ތިއްބެވި 45 މެންބަރުންގެ ތެރެއިިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލީހުގައި ތަމްސީލު ކުރާ ކޮންމެ ސިޔާސީ ޕާޓީއަކަށް އެ މައްސަލައިގައި ވާހަކަ ދެއްކުމަށް އެއް ފުރުސަތު އަދި، އަމިއްލަ މެންބަރުންގެ ތެރެއިން މެންބަރަކަށް އެއް ފުރުސަތު ދިނުމަށް ކަނޑައަޅައިގެން ބޭއްވި މި ޖަލްސާގައި ވާހަކަ ދެއްކެވީ އެމްޑީޕީންނާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބަނގްލަދޭޝްގެ ބޮޑުވަޒީރު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް 153 ފަރާތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މަޖިލިސް މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 28 ބޭފުޅަކާއި، މިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ ތެރެއިން އަށް ބޭފުޅަކާއި، ޗީފްއޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރު ހިމެނިވަޑައިގަންނަވައެވެ.

އޭގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ އާއި ވައިސް ޗާންސެލަރުގެ އިތުރުން މާލޭ ސަރަހައްދުގެ 21 ސްކޫލުން ކޮންމެ ސްކޫލަކުން ދެ ދައިވަރުންނަށް ދައުވަތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ޖަލްސާ ވަރަށް ކުލަގަދަ ވާނެ ކަމަށެވެ.