ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތައް މަދުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހު ޖެންޑާއަށް 222 މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 184 މައްސަލައެވެ.
މިދިޔަ މަހު ޖެންޑާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލައެވެ. އެގޮތުން އެފަދަ 84 މައްސަލައެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އޭގެ ކުރީ މަހު އެފަދަ 95 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ މަހު ޖެންޑާއަށް ވަނީ އާއިލީ މައްސަލަަތަކުގެ ގޮތުގައި 26 މައްސަލައެއް ހުށަހަޅާފައެވެ. އެއީ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އާއި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފައިވެއެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން އެފަދަ 13 މައްސަަލައެއް ހުށަހަޅާފައިވެއެވެ.
ޖެންޑާއަށް މިދިޔަ މަހު ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލަ ހުށަހަޅާފައިވާއިރު، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 13 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު