އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުން، ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ބެލެނިވެރިން ބުނަމުންދިޔަޔަސް، އެއީ ބެލެނިވެރިންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލުގެ މައްސަލައިގައި މިއަދު ހަވީރު އެ ސްކޫލުގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުމެއް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އައިޝަތު ވިދާޅުވީ، ހަފުތާއެއްގެ ތެރޭގައި އަރަބިއްޔާގެ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލުގައި ކިޔައިވައިދޭން ފަށާނެ ކަމަށެވެ.
"ބައެއް ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނޮފުނުވާނެ ކަމަށް ބުންޏަސް އެއީ އޮތް 'ޗޮއިސް' އެއް ނޫން. ހަފުތާއެއްގެ ތެރޭގައި އަރަބިއްޔާގެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ފެށޭނެ. ދަރިވަރުންނަށް އިއްޒުއްދީނުގައި ކިޔަވައިދިނަސް އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ދަރިވަރުންގެ ކިޔެވުން އޮންނަ ގަޑިތަކުގައި ސްކޫލުގައި ހުންނާނެ. އިއްޒުއްދީނުގައި އަރަބިއްޔާގެ ދަރިވަރުންނަށް ކިޔަވައިދޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އައިޝަތު ވިދާޅުވީ "ސޭވް އަރަބިއްޔާ" ހޭޝްޓެގް އަކީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށާއި އަރަބިއްޔާ ސްކޫލު ނައްތާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މިހާރު ހުރި އަރަބިއްޔާ ސްކޫލަށްވުރެ ބޮޑު ބިމެއް ހުޅުމާލެއިން ހަމަޖައްސައިދިނީ ވެސް ބެލެނިވެރިން ބޭނުންވާގޮތަށް ސްކޫލު އަޅަން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް އަރަބި، އިސްލާމް ކުރިއަރުވާނެ ކަމަށާއި އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ދަރިވަރުންގެ ހުއްޓިފައިވާ ކިޔެވުން ފަށަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރަން ނިންމުމުން، އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން މިއަދު ވަނީ މުޒާހާރާ ވެސް ކޮށްފައެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލާފައިވާ މައްސަލައިގައި އެ ސްކޫލުގެ ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އެޑިއުކޭޝަނުން އެ މައްސަލަ ބެލުމަށްފަހު ނިންމީ، އެ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ. އަދި ހުޅުމާލޭގައި އިމާރާތް ކުރަމަށް ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަ ކުރުމަށެވެ.
ނަމަވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ބެލެނިވެރިން ވަނީ މިއަދު ހަވީރު އެ ސްކޫލް ދޮށުގައި އިހުތިޖާޖުކޮށްފައެވެ. ބެލެނިވެރިން އިހުތިޖާޖުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއެކު އަރަބިއްޔާ ސްކޫލުގެ އިސްވެރިން އެ ސްކޫލުގައި ބައްދަލުވުމެއް ބާއްވަމުންދިޔަ ވަގުތުގައެވެ.
ބެލެނިވެރިން މުޒާހަރާކުރަމުން ދިޔައީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ. އެގޮތުން "ބޭނުންވަނީ ނުވެއްޓޭ ކަލަ އިމާރާތެއް" ކަމަށާއި "އަރަބިއްޔާ ސްކޫލުގެ ހައިބަތާއި ހައިސިއްޔަތު ގެއްލުނަ ނުދީ" އަދި "މުސްތަގިއްލު އިމާރާތެއް" ފަދަ ޝިއާރުތައް ބޯޑުތަކާއި ކަރުދާހުގައި ލިޔެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު