ފިލިޕިންސްއަށް އެރި ތޫފާން ރާއީގެ ސަބަބުން ހާލުގައި ޖެހިފައި ތިބި އެގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސްއަށް އެރި ބާރުގަދަ ތޫފާން، ރާއީއަކީ މި އަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެއެވެ. އެ ތޫފާނުގައި ގަޑިއަކު 195 ކިލޯމީޓަރު (121 މޭލު) ބާރުމިނުގައި ވައި ޖެހި، އެގައުމުގެ އެކި ސަރަހައްދުތަކުން ބިންގަނޑުކަނޑައިގެން ގޮސް އެކި ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މިގޮތަށް ގެއްލުންވި އެއް ސިޓީއަކީ ސީބޫއެވެ. އެ ތަނުގައި ރާއްޖޭގެ ގާތްގަނޑަކަށް 20 ދަރިވަރުން ދިރިއުޅެއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ފިލިޕިންސްއަށް އެރި ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކާއި ފިލިޕީންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ފިލިޕީންސްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލްއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއުވާން ވިދާޅުވީ ހާލުގައި ޖެހުނު ދަރިވަރުންނަށް ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލާ ގުޅިގެން ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކުން މުވާސަލާތީ ގުޅުންތައް ކެނޑިފައިވާތީ، ދަރިވަރުންނާއި އެކުދިންގެ އާއިލާތަކާ ގުޅޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން އަންނަނީ ހާލުގައި ޖެހުނު ކުދިންގެ ކަންކަން ގާތުން ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު