ޚަބަރު

ހިޔާގެ މުވައްޒަފުން ވަކިކުރަން ފޮނުވި ނޯޓިސް ބާތިލުކޮށްފި

އަލީ ޔާމިން

ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެންޑާ މިނިސްޓްރީން ދިން ނޯޓިސް ބާތިލުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ރިޒްނާ ޒަރީރު "ވަން" އަށް މިރޭ ވިދާޅުވީ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ބާތިލުކޮށްފައިވާ ކަމަށެވެ. ނޯޓިސް ބާތިލުކުރީ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ސީއެސްސީން އަލުން ރިވިއު ކުރަމުންދާތީވެ، އެ ނޯޓިސް ބާތިލުކުރުމަށް އެ ކޮމިޝަނުން ޖެންޑާއަށް އަންގައިފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާ ހުސްކޮށް، އެތަނުގައި ތިބި ކުދިން ރަށްރަށުގެ އަމާން ވެށިތަކަށް ބަދަލުކުރުމަށް ޖެންޑާއިން ވަނީ ހިޔާގައި މަސައްކަތް ކުރާ 71 މުވައްޒަފުންގެ ތެރެއިން 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ނޯޓިސް ދީފައެވެ.

ޖެންޑާ މިނިސްޓްރީން އޭރު ބުނީ އެ މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އޮނިގަނޑުގެ ތެރެއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އެ ކޮމިޝަނުން ނިންމި ނިންމުމެއްގެ ދަށުން ކަމަށެވެ.

ޖެންޑާއިން ބުނެފައިވާ ގޮތުގައި ހިޔާ ހުސްކުރުމަށްޓަކައި، ހިޔާގައި މަސައްކަތް ކުރި މުވައްޒަފުން އަތޮޅުތެރޭގައި ހުރި އަމާން ވެށިތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިން ކަމަށެވެ.

ރިޒްނާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހިޔާގައި 71 މުވައްޒަފުން ތިބި އިރު، އޭގެ ތެރެއިން ތިން މުވައްޒަފަކު މިނިސްޓްރީގެ އެހެން ތަންތަނުގައި މަސައްކަތްކުރުމަށް އޭރު އެއްބަސްވި ކަމަށެވެ. ނަމަވެސް މިހާރު ޖުމުލަ 43 މުވައްޒަފުން މިނިސްޓްރީގެ އެކި ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަތް މުވައްޒަފަކު އަމިއްލަގޮތުން ވަކިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.