ޚަބަރު

އެސްޓީއޯއިން ކުޑަކުދީންނަށް ހާއްސަ އަދަބީބަސް ފޮތެއް

އައިޝަތު ނިއުޝާ

އެސްޓީއޯއިން ކުޑަކުދީންނަށް ހާއްސަކޮށް އަދަބީބަސް ފޮތެއް ނެރެފިއެވެ.

އެސްޓީއޯއިން އިއްޔެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން ދިވެހި ބަހަށް ސަމާލުކަންދީގެން މަސައްކަތް ކުރުމަކީ ވަރަށް ދެކެން ބޭނުންވެވަޑައިގެންނެވި ދުވަހެއް ކަމަށެވެ. އެހެން ކަމަށް އޭނާ ވަނީ މި މަސައްކަތަށް ޓަކައި އެސްޓީއޯ އަށް ޝުކުރު އަދާކުރައްވައިފައެވެ.

ދިވެހި ބަހުގެ އެކަޑަމީއެއް އުފައްދައިގެން އެތަނުގެ މުވައްޒަފުން އެކަނި މަސައްކަތް ކުރިނަމަވެސް ދައުލަތުގެ ކުންފުނި ތަކާއި ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކުން ދިވެހި ބަހަށް ދޭން ޖެހޭ ސަމާލުކަން ނުދޭހާ ހިނދެއްގައި ދިވެހި ބަސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާނެ ކަން ޑރ. އަޝްރަފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އެސްޓީއޯއިން އިސް ނަގައިގެން ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަކީ ދިވެހި އަދަބީ ބަސް ކުރިއަށްވުރެ ރަނގަޅު ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ބޮޑު އެހީތެރިކަމަށް ވާނެ ކަމެއް ކަމަށާއި މިއީ ދިވެހިބަހުގެ އެކަޑަމީ އުފަލާއެކު މަރުހަބާ ކިޔާ ކަމެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ޒަމާނީ ކުރެހުންތަކާ އެކު ކުޑަކުދިންނާ ހަމައަށް އެފަދަ ފޮތެއް ދިޔުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ބަސްތަކުގައި ވެސް އަދަބީބަސް ބޭނުންކޮށް އުޅޭ ކަމަށާއި އެފަދަ ބަސްތައް އުފެދިފައި ހުންނަނީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ކަލަންޑަރު އަދަބީބަހަށް ހާއްސަކޮށްގެން ނެރެން ނިންމާފައިވަނީ، މިހާރު ދިވެހިންގެ ތެރޭގައި ބޭނުން ކުރާ ހަރުބަސްތަކާއި މިސާލުބަސްތަކަކީ ކުރީއްސުރެ އުފެދިގެން އައިސްފައިވާ ބަސްތަކެއް ނަމަވެސް، ދުނިޔެ ބަދަލުވެ އާ ކަންތައްތައް ތައާރަފުވަމުން އަންނައިރު، އަދަބީބަހަކީ ވެސް އާ ވަމުން އަންނަ އެއްޗަކަށް ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ ކަމަށެވެ. އަދި އާ މިސާލުބަސްތަކާއި ހަރުބަސްތައް އިތުރަށް އުފައްދަން ޖެހޭ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.