ކޮވިޑް 19ގެ ހާލަތު ގޯސްވެ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕްރިމިއާ ލީގުގެ ކްލަބުތަކުން ހޯމަ ދުވަހު ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.

މިދިޔަ ހަފުތާ ތެރޭގައި ޕްރިމިއާ ލީގުގެ ނުވަ މެޗެއް ކޮވިޑް 19 އާ ގުޅިގެން ފަސްކުރަން ޖެހިފައިވާ އިރު، މި ހަފުތާ ކުޅެން އޮތް ދިހަ މެޗުގެ ތެރެއިން ފަސް މެޗެއް ވަނީ ކޮވިޑުގެ ހާލަތު ގޯސްވެ ފަސްކޮށްފައެވެ. ޕްރިމިއާ ލީގުގައި ކޮވިޑުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާ އިރު، ކްލަބުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އަމިއްލަ ބައްދަލުވުންތައްވެސް ވަނީ ބާއްވައިފައެވެ.

ޕްރިމިއާ ލީގު ކްލަބުތަކުން ހާއްސަ މީޓިންއަކަށް ތައްޔާރުވެފައި ވަނީ އަލަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކޯޗުންނާއި ކުޅުންތެރިންނަށް ސާފު ނުވާ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. ބައްދަލުވުން ބާއްވަން ނިންމި ނިންމުމާއެކު ކޯޗުން ވަނީ އެކަމަށް ތައުރީފުކޮށްފައެވެ. އެސްޓަން ވިލާގެ ކޯޗު ސްޓީވަން ޖެރާޑް ބުނެފައިވަނީ ބައްދަލުވުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ކްލަބުތަކަށް ސާފުވާނެ ކަމަށާއި، ޖަވާބު ނުލިބި ހުރި ސުވާލުތަކަކަށް ޖަވާބު ލިބޭނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ޗީފް ރިޗާޑު މާސްޓާސް ވަނީ ކުޅުންތެރިން ވެކްސިން ޖެހުމަށް އިލްތިމާސްކޮށް، ލީގު ކުރިއަށް ގެންދަން އެހީވެދޭން އެދިފައެވެ.

ޕްރިމިއާ ލީގުގައި ކޮވިޑުގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވީ ނަމަވެސް ލީގު މެޗުތައް ކުރިއަށް ގެންދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބޯޑުން ވަނީ ބުނެފައެވެ.