އެމްޓީސީސީ

ރައްޔިތުންގެ ކުންފުނީގެ 41 އަހަރުވީ ކާމިޔާބުގެ ދިގު ދަތުރު

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެ، މިއަދު މިދެކޭ އުމްރާނީ ތަރައްގީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ. މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ އަވަސް ހަލުވިމިނެއްގައި ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަޖައްސައިދިން ކުންފުންޏަކަށެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާއެވެ. އަދި ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ހިއްސާކަމަށް ކަނޑައެޅުނެވެ.

އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ކަނޑާއިވަޔާއި، އެއްގަމުގައި ދަތުރުފަތުރުކުރުމާބެހޭ ކަންތައް ހިންގައި ކުރިއެރުވުން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތްކުރުމާއި އެކަންކަން ކުރިއެރުވުން، އިމާރާތްކުރުމާއި، އިންޖިނިއަރިން މަސައްކަތާއި، ބަނދަރުގެ ހިދުމަތްތަކާއި، މުދަލާއި ތަކެތި ގެނެސް ގެންދިއުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުން، ޓުއަރިޒަމާއި އަދި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާޓްމަންޓުތަކާއި ސެކްޝަންތަކުން ކުރަމުންގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. މިގޮތުން ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޝަނާއި އެމް.ޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސާވިސަސް ޑިވިޝަން ހިމެނެއެވެ. އޭރު މި މަސައްކަތްތައް ކުރެވުނީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ކުންފުނީގެ ދުވެލި ދިޔައީ އަހަރަކަށްވުރެ އަހަރެއް ހަލުވި ވަމުންނެވެ. މިގޮތުން، މިވޭތުވެދިޔަ 41 އަހަރު ދުވަހުގެތެރޭ އެމްޓީސީސީއަށް ހާސިލުކުރެވުނު ކާމިޔާބީތަކަކީ ފަހުރުވެރިވުން ހައްގު ކާމިޔާބީތަކެކެވެ.

އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާއެވެ. ކުންފުނި އުފެދުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލުތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލުތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވިއެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާއެކު ފަޅުކޮނެ ބިންހިއްކުމުގެ ފުރަތަމަ މަޝްރޫއު އެމްޓީސީސީން ނިންމާލިއެވެ. މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ. 2017 ވަނަ އަހަރު ތައާރަފުވި މަހާޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިންގް ފްލީޓުގައި އައިއެޗްސީ 1800ގެ ކަޓަރ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓަރ ސަކްޝަން ޑްރެޖަރެއް ހިމެނެއެވެ. އަދި މިއަހަރުތެރޭ، 30 ޓަނުގެ 10 ކޮބެލްކޯ އެކްސްކަވޭޓަރާއި، 15 ޑަމްޕް ލޮރީއާއި، 6 ފުރޮޅުލީ 25 ޓަނުގެ ލޯޑަރު ވަނީ އެމްޓީސީސީގެ ފްލީޓް ތެރެއަށް އިތުރުވެފައެވެ. އެމްޓީސީސީގެ މި ޑްރެޖިންގް ފްލީޓާއެކު ކުންފުންޏަށް ވަނީ ފަޅު ފުންކުރުމާއި ބިންހިއްކުމުގެ މަޝްރޫއުތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާއެކު ނިންމުމުގެ ގާބިލުކަން ލިބިފައެވެ.

ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިން، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ. އައު ޓެކްނޮލޮޖީ އާއި މެޝިނަރީގެ ޒަރީއާއިން ހައްލު ހޯދުމުގައި ކުންފުނި ކުރިއަރައި ދިޔަވަރަކަށް އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫއުތަކުގެ ބާވަތަށްވެސް ދިޔައީ ބަދަލު އަންނަމުންނެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 70 އުމްރާނީ ތަރައްގީގެ މަޝްރޫއުއެއްގައި އެއްވަގުތެއްގައި މަސަތްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އެއްވެސް ކުންފުންޏަކީ ރަނގަޅު މާލިމީއަކު ނެތި ކުރިއަށްދާނެ ކުންފުންޏެއް ނޫނެވެ. އެމްޓީސީސީގެ ދިގު ތާރީހުގައި ކުންފުނީގެ މާލިމީކަން ވަނީ ވަރަށް ގިނަ ގާބިލު ބޭފުޅުން ފުރުއްވައިފައެވެ. މިއަދު އެކުންފުނި އެ ދެކެމުންދާ ކާމިޔާބީގެ މާލިމީއަކީ އާދަމް އާޒިމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއި ލަފާފުޅު އެމްޓީސީސީއަށް އަބަދުމެދަނީ ލިބެމުންނެވެ. މިގޮތުން، އެމަނިކުފާނުގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެމަތިން އެމްޓީސީސީން ވަނީ ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ގިނަގުނަ ބަދަލުތަކެއް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގެނެވި، އެ ބަދަލުތަކުގެ ފޮނިމީރުކަން ބަހާއި އަމަލުންނާއި މާލީ ހިސާބުތަކުން ދައްކުވައިދީފައެވެ.

ދަތުރުފަތުރުގެ ހިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ހިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ހިދުމަތް ހިމެނެއެވެ. ސަރުކާރުގެ މެރިން ޑިވިޝަން 1981 ވަނަ އަހަރު ހަވާލުކުރެވުމާއެކު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައިވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑުދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިމާލެއާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ. މި ހިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ތަނަވަސް ޓާމިނަލްތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓާ މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ދެމުންގެންދާ ކުންފުންޏެކެވެ. އެމްޓީސީސީގެ ފެރީ ހިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިއަހަރުތެރޭ އެމްޓީސީސީއާ ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ހިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރުދަނީ ވަމުންނެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރަށްތަކަށް ތަރައްގީ ލިބިގެންދާނެއެވެ.

އެއްގަމުދަތުރުތަކަށް ބަލާއިރު، ހުޅުމާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު މެޓްރޯ ބަހުގެ ހިދުމަތާއި ޝަޓްލް ބަހުގެ ހިދުމަތް އެމްޓީސީސީން ދިޔައީ ފޯރުކޮށްދެމުންނެވެ. އަދި މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔާ" ގެ ނަމުގައި އެމްޓީސީސީން ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލައިފައެވެ. އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތަށް އިންގިލާބީ ބަދަލެއް އައީ އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެންދިޔަ އާއްމު ދަތުރުފަތުރުގެ ހިދުމަތް މިއަހަރުތެރޭ ބަދަލުކުރެވުނު ހިސާބުންނެވެ. މި ބަދަލާއެކު ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ ޒޯން 6 (އައްޑޫ، ފުވައްމުލައް) އަދި އެއްގަމުދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ހިދުމަތަކަށް ބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދިޔައީއެވެ. މިއީ މިއަދުގެ ސަރުކާރުން އެމްޓީސީސީއަށް ކުރައްވާ އިތުބާރު ވަޒަންކުރެވިގެން ދިޔަ ތާރީހީ ނިންމުމެކެވެ. އަދި ރަނގަޅު ފެންވަރެއްގެ އާންމު ދަތުރުފަތުރުގެ ހިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެނެމެހާ ކަންކަން ފަހިކޮށްދިނުމަށް އެކުންފުނިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މި ބަދަލު ފެށޭ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭ ފެންނާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އިންޤިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނުކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށިފައިވަނީ ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތް ރާއްޖެއަށް ތައާރަފުވީ 1974 ވަނަ އަހަރު ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފުވި ހިސާބުންނެވެ. އެމްޓީސީސީ އުފެދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރިއެވެ. އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތްތައް މިއާއެކު ފެށިގެންދިޔައެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމު ހަމަޖެއްސިއެވެ. ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރުގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ. އަދި 1994 ވަނަ އަހަރު ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ކަނޑައަޅައި، 2017 ވަނަ އަހަރު ސުޒުކީ އައުޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރެވުނެވެ. މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ.ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑުތަކަކީ، ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓުގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޑަކްޓްތަކަކާއި ބްރޭންޑުތަކެކެވެ. މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ އައުޓްބޯޑް އިންޖީން، ސުޒުކީ އިންބޯޑް އިންޖީން، ކާސްޓްރޯލް އަޑީ ތެޔޮ، އަދި ޕީޕީޖީ އެންޓިފޯލިން ހިމެނެއެވެ. މީގެ އިތުރުން މެރޯލް ސްޓިއަރިން ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއެކު އެންމެ ފުރިހަމަ ކަސްޓަމާ ސާވިސް އާއި ހުނަރުވެރި އިންޖިނިއަރުންނާއި ޓެކްނީޝަނުން ބޭނުންކޮށް އާފްޓާ ސޭލްސް ސާވިސް ފޯރުކޮށްދެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް އިތުރުކޮށްފައެވެ. މިގޮތުން ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ފަށައިގެން އިންޖިންނިއަރިނ އާއި ޑޮކިންގެ ހިދުމަތް މިހާރު ވަނީ އާއްމު ފަރާތްތަކަށް ހުޅުވާލައިފައެވެ. މާލެއަތޮޅު ތިލަފުށީގައި ގާއިމުކޮށް ހިންގަމުންގެންދާ އެމްޓީސީސީ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދަށް ޙިދުމަތް ދިނުމުގެ ޖާގައޮތް ބޯޓުޔާޑެކެވެ. 2017 ވަނަ އަހަރު އައު ބޯޓު ހޮއިސްޓް އިފްތިތާޙުކޮށް މާކެޓަށް ޑޮކްޔާޑުގެ ހިދުމަތް ހުޅުވާލެވުނެވެ. 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިންގް ހިދުމަތާއެކު ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިން، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނު އަޑީގެ ވެލްޑިންގްއާއި ކަޓިންގެ ހިދުމަތް 2018 ގައި ތައާރަފުކުރެވި ވޯޓާ ބްލާސްޓިންގް އާއި ފޮރިކަހައިދިނުމުގެ ހިދުމަތް 2019 ގައި ތައާރަފު ކުރެވުނެވެ. މުސްތަގުބަލުގައި ރާއްޖޭގައި އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމުކުރުމަށް އެމްޓީސީސީން ވަނީ ނިންމައިފައެވެ. މި ޑޮކްޔާޑް ގާއިމުވުމުން ސަރުކާރު ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިން އުޅަނދު އެހެލުމަށާއި މަރާމާތުގެ މަސައްކަތަށް ބޭރު ގައުމުތަކަށް ދަތުރުކުރަން ނުޖެހި ބޭރު ފައިސާ ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގެ އިގުތިސާދުގައި ހިފެހެއްޓޭނެއެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންނެވެ. ވޭތުވެދިޔަ 41 އަހަރު ކުންފުންޏަށް ހާސިލުކުރެވުނު ކާމިޔާބީގެ އަސްލަކީ ކުންފުންޏާއި އެކި ދުވަސްވަރު ހަވާލުވެވަޑައިގެން ގާބިލު ސީއީއޯއިންނާއި ކުންފުނީގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުވައްޒަފުންނަށް ތަފާތު ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދީފައެވެ. އަދި ގާބިލު ހުނަރުވެރި މުވައްޒަފުން އިތުރުކުރުމަށްޓަކައި އެމްޓީސީސީން ވަނީ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފަށައިފައެވެ. ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމުގެ މަގުސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބު އެމްޓީސީސީއަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދައި ތަރައްގީކުރުމަށް ގާއިމުކުރެވިފައިވާ ވަސީލަތެކެވެ.

ކުންފުނީގެ މުވައްޒަފުންގެ ގާބިލުކަމާއި އިގުލާސްތެރިކަމާއި ކުންފުންޏަށް ހުންނަ ލޯބި އެންމެ ބޮޑަށް ވަޒަންކުރެވުނީ 2020 ވަނަ އަހަރުއެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކުންފުނިން ހިންގަމުންދިޔަ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށްނައިސް ކުރިއަށްދިޔައީ ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ 2020 ވަނަ އަހަރުތެރޭ ކުންފުންޏަށް ލިބުނު ކާމިޔާބީން ވަޒަންކުރެވުނެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ވަނަ އަހަރު ތެރޭގައެވެ. އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަޓިފައިކުރެވުނު ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީހުގައި މިހާތަނަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީވެސް 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން 1.37 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 224.72 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. އަދި ހަމަ އެހެންމެ މިހިނގާ އަހަރުގެ ތިންވަނަ ކުއާޓާ ނިމުނު އިރު، ކުންފުނީގެ މާލީ ނަތީޖާ ދައްކާގޮތުން، ޖުމުލަ 1.33 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 212.18 މިލިއަން ރުފިޔާ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ވަނީ މިހާތަނަށް ލިބިފައެވެ. ވީމާ، 2021 ވަނަ އަހަރު ވެސް ވެގެންދާނީ އެމްޓީސީސީގެ ތާރީހުގައި ލިބޭ އެންމެ ބޮޑު އާމްދަނީއަކާއި، ފައިދާއަކާއެކު، އައު ރިކޯޑެއް ހެދިގެންދާނެ އަހަރަކަށެވެ.

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިހުލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމާމެދަކު ޝައްކެތްނެތެވެ. ރައްޔިތުންގެ ކުންފުނި، ކަނޑުމަޑު ދުވަސްތަކުގައާއި ރާޅުޖަހާ ބަނަ ދުވަސްތަކުގައިވެސް އަމާން ބަނދަރަކަށް ގެންގޮސްދިނުމުގައި ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކޮށްދެއްވީ ހަމަ އެބޭފުޅުންނެވެ. ވުމާއެކު، އެމްޓީސީސީއަށް 41 އަހަރު ފުރޭ އުފާވެރި މުނާސަބާގައި ކުންފުނީގެ ހަޔާތުގައި ވޭތިވެދިޔަ އެކި ދުވަސްވަރު ކުންފުނީގެ ކައްޕީންނަށާއި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ހައްގެވެ. ރައްޔިތުން އެދެނީ ރައްޔިތުންގެ ކުންފުންޏަށް އުފާވެރި ބާއްޖަވެރި މުސްތަގުބަލެކެވެ.