ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡްފުޅުތަކުން އެނގޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ބުއްދީގެ އަހުލުވެރިންނޭވެ ފަހެ، ތިބައިމީހުން އިބުރަތް ލިބިގަންނާށެވެ!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް އެ އަހަރުތެރޭގައި ކުޅަ އަމަލުތަކާމެދު އިންސާނުންގެ މައްޗަށް ހެކިދޭ އަހަރެއް ކަމަށެވެ. އަދި އެއީ އެކަނިމާ އެކަނި ގަބުރުގައި އޮންނަން ޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ކުޑަދުވަސްކޮޅެއްގެ ފަހުން މިދުނިޔެއަށް އަލްވަދާއު ކިޔަންޖެހޭނެކަން އެއީ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު އިންކާރުކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި އެމީހެއްގެ އުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށްފި މީހަކީ، މާތްﷲގެ އިރާދަފުޅުން އަބަދުގެ އަބަދަށް ސުވަރުގޭގެ ނިއުމަތުގައި ދެމިހުންނާނެ މީހެއް ކަމަށާއި ނަމަވެސް ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި އެމީހެއްގެ އުމުރު ހޭދަކޮށްފި މީހަކީ ﷲގެ ކޯފާއާއި އަޒާބަށް ހުށަހެޅިގެންދާނެ މީހެއް ކަމަށް ބުންޏެވެ.
އާހިރަތް ދުވަހު ހުރިހާ މަހުލޫގާތުތައް މަހުޝަރު ކުރެވޭނެކަމާއި ހިސާބު ބެއްލެވޭނެކަންވެސް ގަބޫލުކުރަންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެދުވަހަކީ މުދަލަކުން އަދި ދަރިޔަކުންވެސް މަންފާކުރާނެ ދުވަހެއް ނޫން ކަމަށެވެ.
އަދި ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެތަނެއްގައި މުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
އަދި އާހިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ހަދީޡްފުޅުތަކުން އެނގޭ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު