ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސޯޝަލް ހައުސިިން ޕްރޮޖެކްޓުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 34 މިލިއަން ޑޮލަރު ދީފިއެވެ.
އިންޑިއާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ފައިސާއިން ދެ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ކުރިއަށް ގެންދާ 2000 ސޯޝަލް ހައުސިން ޔުނިޓުގެ ދެ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައި ވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެވެ. މި ދެ ކުންފުންޏަކީ ރިއަލް އެސްޓޭޓް ތަރައްގީއާއި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އަދި ބޭރު ގައުމުތަކުގައި ހިންގުމުގެ ތަޖުރިބާ ހުރި ދެ ކުންފުނި ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން ބުނީ މަސައްކަތް ފެށުމަށް ސައިޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، ވަގުތީ ތައްޔާރީތަކުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އިމާރާތްތަކުގެ އާކިޓެކްޗަރަލް ޑިޒައިންގެ ތަފުސީލީ ކުރެހުންތައް މިހާރު ދިވެހި ސަރުކާރުގެ އިދާރާތަކާއެކު ފައިނަލައިޒް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި ދެ ޕްރޮޖެކްޓުގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރިއާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރިއާއި ދެ ފާހާނާގެ 1200 ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.