ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 75 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތާއި 8.92 ކިލޯމީޓަރު ދިގު ފެނުގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 7.04 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ސީ އައުޓްފޯލް ގާއިމުކުރުމާއި ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިންމާލައިފައިވާ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ކުޑަފަރިއަށް ފޯރުކޮށްދޭނެއެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.