ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ބޯޑު މެމްބަރަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފިއެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެމްއޭސީއެލްގެ ބޯޑު މެމްބަރަކަށް އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސާފައި ވަނީ މިއަދު ކަމަށެވެ. ސިޔާދު ގާސިމް އައްޔަނުކޮށްފައިވަނީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައެވެ.
ސިޔާދުގެ އިތުރުން އެ ބޯޑުގައި މިވަގުތު ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޑރ. އިބްރާހިމް މަހުފޫޒާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރުޝާ އަދި އަހުމަދު އީމާން މޫސާއެވެ.
އެމްއޭސީއެލްގެ ބޯޑަށް ޒިޔާދު އައްޔަން ކުރެއްވި އިރު އެކުންފުނީގެ އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ވަނީ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ.
ގޯޑަން މަގާމުން ވަކިކޮށްފައިވަނީ އެއާޕޯޓު ހިންގުމުގައި ރަނގަޅު ނަތީޖާއެއް ނުދެއްކުމުންނެވެ. އެގޮތުން އޭނާ ވަކިކޮށްފައިވަނީ ރައީސް އޮފީހުން އޭނާގެ މަސައްކަތް ރިވިއު ކުރުމަށް ފަހު ޕްރައިވެޓައިޒޭޝަން ބޯޑަށް އޭނާ ވަކިކުރަން އެންގުމުންނެވެ.
އޭނާގެ މަގާމަށް މިހާތަނަށް މީހަކު އައްޔަންކޮށްފައިނުވާ އިރު، އެމްއޭސީއެލްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު ތޯހާ އިބްރާހިމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު