ކުރިން ރާއްޖެ ޓީވީ ހިންގަމުންދިޔަ ސްޓޭޝަނަށް ގެއްލުންދީ، އެތަނުގައި ހުޅުޖެހި މައްސަލައިގައި ހ. ގަސްވާ، މުހައްމަދު މީއާދު، ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީގެ އަށް އަހަރު ކުރިން 2013ގެ އޮކްޓޯބަރު ހަތްވަނަ ދުވަހުގެ 4:42 ހާއިރު އިތުރު ފަސް މީހަކާ ބައިވެރިވެގެން ހ. ކުއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިން) ގައި އޭރު ހިންގަމުންދިޔަ ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލާފައިވާތީ އާއި އެ ހާދިސާގެ ސަބަބުން ރާއްޖެ ޓީވީގެ ސްޓޫޑިއޯ އާއި އެ އިމާރާތުގައި ހިމެނޭ ފަންގިފިލާތައް އަނދައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ އޭނާގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ވަނީ 20 ހެތްކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ފަސް ސިއްރު ހެތްކާއި، ސީސީޓީވީ ފުޓޭޖުތަކާއި އެކި ފަރާތްތަކުން ތަހުގީގަށް ދީފައިވާ ބަޔާންތައް ހިމެނެއެވެ.

މި މައްސަލައިން ދިފާއުވުމަށް މީއާދުގެ ފަރާތުން ނުވަ ހެތްކެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ޝަފަވީ ހެތްކެވެ.

ހުކުމް ކުރައްވަމުން ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ، އެ މައްސަލައަށް މީއާދު އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް މައްސަލަ ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެތްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) ގެ ދަށުން ޓެރަރިޒަމް އަމަލު ހިންގުމުގެ ކުށުން މީއާދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ ދަށުން މީއާދު ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އޭނާ ކުރި ކުށާ ގުޅިގެން ތަހުގީގު މަރުހަލާގައި ހޭދަކުރި 63 ދުވަސް އެ ހުކުމުގެ މުއްދަތުން ކެނޑުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގައި މީއާދުގެ މައްޗަށް މިއަދު ހުކުމް ކުރި އިރު، އެ މައްސަލައިގައި އޭނާގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވިއެވެ. ނަމަވެސް މީއާދު ފިޔަވައި އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.