ޚަބަރު

އައްޑޫ ފޭދޫ ދެ މިސްކިތެއްގެ ތެރެއަށް ބޮޑުކަމުގޮސް، ގެއްލުންތަކެއް ދީފި

އައްޑޫ ސިޓީ ފޭދޫ އަވަށުގެ ދެ މިސްކިތަކަށް މީހަކު ވަދެ އެތަންތަނަށް ގެއްލުންދީ، މިސްކިތް ތެރެއަށް ބޮޑުކަމުގޮސްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އެ މައްސަލަ ބަލަމުންދާ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ މިއަދު "ވަން" އަށް ވިދާޅުވީ، ފޭދޫގެ މަސްޖިދުލް އަމާނީއާއި މަސްޖިދުލް ނަސްރިއަށް ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ވަނީ ރޭ ފަތިހު 5:14 އެހާކަންހާއިރު ކަމަށެވެ.

އެގޮތުން މަސްޖިދުލް އަމާނީގެ ތެރެއަށް މީހަކު ބޮޑުކަމުގޮސް ހަޑިކޮށްފައިވާ އިރު، މަސްޖިދުލް ނަސްރިއަށް ފައިވާނާއެކު ވަދެ ހަތިމުތައް ބިންމައްޗަށް އުކާލާފައި ހުރި ކަމަށް ވިދާޅުވިއެވެ.

އަސްމާ އިތުރަށް ވިދާޅުވީ، އެކަން ކުރި ކަމަށް ތުހުމަތު ވަނީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށް ރޭ ފަތިހު 5:40ގައި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިފަހުން މާލޭގެ ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހަކު ވަނީ ކުޑަކަމުގޮސްފައެވެ. އަދި އެކަން ކުރި މީހާ ވަނީ ޖަލަށް ލާން ހުކުމްކޮށްފައެވެ.