ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ބާތިލުކޮށްފައި ވަނިކޮށް، އެ އަމުރާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ފައިސާ ޖަމާކުރި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހައި ކޯޓުން އަންގައިފިއެވެ.
ހައި ކޯޓުން އިއްޔެ ކުރި އެ ހުކުމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް 2011ގެ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، އެ އަހަރުގެ ސެފެޓަމްބަރު މަހުގެ 29 ވަނަ ދުވަހު އެ ކޯޓުން ކުރި ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބުނެ އެ ހުކުމް އިސްތިއުނާފު ކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލި މައްސަލައަކާ ގުޅިގެން ކުރި ހުކުމެވެ.
ދައުލަތުން 2019 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ހައި ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ވިމަސް މޯލްޑިވްސް ކުންފުންޏެވެ.
ވިމަސް މޯލްޑިވްސް އާއި ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ވިމަސް މޯލްޑިވްސްގެ ފަރާތުން ޕީބީޑީސީއަށް ސަޕްލައިކޮށްދީފައިވާ ދޮންވެލީގެ އަގުގެ ތެރެއިން ނުލިބިވާ 72،500 ރުފިޔާ އާއި 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ފާއިތުވާ ކޮންމެ ދުވަހަކަށް ބާކީ އޮތް އަދަދުގެ ތިން ޕަސަންޓް އިންޓަރެސްޓުގެ ގޮތުގައި ދޭން އެއްބަސްވެފައިވާ ކަމަށް ބަޔާންކޮށް އެ ފައިސާ، ޕީބީޑީސީގެ ކިބައިން ހޯދުމަށް އެދި ވިމަސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމުން ވިނލިގިލި މެޖިސްޓްރޭޓު ކޯޓުން ވަނީ އެ މައްސަލަ ބަލައިފައެވެ.
ޕީބީޑީސީގެ ފަރާތުން ވިލިނގިލި މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވި ފަރާތުން އެ ދައުވާއަށް އިގުރާރުވެ ހޯދުމަށް އެދިފައިވާ 72،500 ރުފިޔާ އާއި 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ފާއިތުވާ ކޮންމެ ދުވަހަކަށް، ބާކީ އޮތް އަދަދުގެ ތިން ޕަސަންޓު އިންޓަރެސްޓުގެ ގޮތުގައި ދިނުމަށް އެއްބަސްވެ، އެ ފައިސާ ނުދެއްކުނީ އެ ކުންފުނީގެ މާލީ ހާލަތު ދަތިކަމުން ކަމުގައި ޝަރީއަތުގައި ބުނެފައިވާތީ އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ދައުވާގައި އެދިފައިވާ ގޮތަށް އެ ފައިސާ ދެއްކުމަށް ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހުކުމާ އެއްގޮތަށް ޕީބީޑީސީގެ ފަރާތުން ފައިސާ ނުދައްކައި ހުއްޓައި، ސުނާމީ ކާރިސާގެ ގެއްލުން ލިބުނު ގެތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ޕީބީޑީސީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާއަށް ދައުލަތުން ވަނީ ޒިންމާ ނަގައިފައެވެ. އެހެންވެ, ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ދައުލަތުގެ މައްޗަށް އަމުރެއް ނެރުނެވެ.
އެ އަމުރުގައި ބުނެފައިވަނީ ޕީބީޑީސީއަށް ސާބިތުވެފައިވާ ދަރަނި ދައުލަތުގެ ފަރާތުން ވިމަސް މޯލްޑިވްސް ކުންފުންޏަށް ދެއްކުމަށާއި އެ ފައިސާ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ. އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުގެ މައްޗަށް އަމުރު ނެރުނު އިރު، ދައުލަތަކީ އެ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީއެވެ.
ދައުލަތުން އެދުނުގޮތަށް ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ޕީބީޑީސީއިން ވިމަސް މޯލްޑިވަސް ކުންފުންޏަށް ދޭން ޖެހޭ ކަމަށް ސާބިތުވެފައިވާ 1.8 މިލިއަން ރުފިޔާ ވިލިނގިލި މެޖިސްޓްރޭޓު ކޯޓަށް ޖަމާކޮށްފައެވެ. އެ ފައިސާ ޖަމާކުރެވިފައިވަނީ އޮޅުމަކުން ކަމަށާއި، ފައިސާ އަނބުރާ މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްދިނުމަށް މިނިސްޓްރީން ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގައި ވަނީ ތަކުރާރުކޮށް އެދިފައެވެ.
ފިނޭންސުން އެގޮތަށް އެދެމުން ދަނިކޮށް ވިމަސް މޯލްޑިވަސް ކުންފުނިން ވަނީ އެ ފައިސާ ހޯދަން ވިލިނގިލި މެޖިސްޓްރޭޓު ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ކޯޓުން ހުކުމްކުރީ އެ ފައިސާއަކީ ވިމަސް މޯލްޑިވްސް ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އަދި އެ ކޯޓުން ވަނީ އެ ފައިސާ ވިމަސް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އެކައުންޓަށް ޖަމާކޮށްފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ހައި ކޯޓަށް ހުށަހެޅި އެ ހުކުމުގެ މައްސަލަ ބެލުމަށްފަހު އިއްޔެ ހުކުމްކުރީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓު ގާނޫނާ ހިލާފުވެފައިވާ ކަމަށާއި ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ގޯސް ކަމަށެވެ.
މި މައްސަލަ ބެލި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.
މި މައްސަލައިގައި ދެ ފަނޑިޔާރަކު ވަނީ އެއް ރައުޔެއް ނެރެފައެވެ. އެއީ ފަނޑިޔާރު ޝުއައިބާއި ފަނޑިޔާރު ސަމީރެވެ. އެ ރައުޔަށް ފަނޑިޔާރު ނިޔާޒު ތާއިދުކުރެއްވި ނަމަވެސް ބައެއް ކަންކަން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.
އެގޮތުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ފައިސާ ދެއްކުމުގެ އަމުރެއް ދައުލަތުގެ މައްޗަށް ނެތްއިރު އެ ފައިސާ ވިލިނގިލީ ކޯޓަށް ޖަމާވި ގޮތެއް ދައުލަތަށް ސާފުކޮށް ދެވިފައިނުވާ ކަމަށެވެ. އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ ހަޒާނާއިން ދޫކުރުމަށް ދައުލަތުގެ ގާނޫނީ ޓީމުން ލަފާދިނީ ކޮންގޮތަކަށް ބަލާފައިތޯ ވަނީ ސުވާލުކުރައްވައިފައެވެ. އަދި ދައުލަތުން އެއީ ކޮންގޮތަކަށް ދޫކުރި ފައިސާކަން ޝަރީއަތަށް ކިޔައިދީފައިނުވުމުން އެއީ ގާނޫނީ ގޮތުން ބަލަންޖެހޭ ވަރަށް ނުބަލައި ކޮށްފައިވާ ފަރުވާކުޑަ އިހުމާލުވުމުގެ އަމަލެއްގެ ނަތީޖާ ކަމަށް ފަނޑިޔާރު ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައި ޒިންމާދާރު ކުރުވުން މުހިންމު ކަމަށާއި ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އިރު، އެ ފައިސާ އަނބުރާ ހޯދުމުގެ އަމުރަކަށް އެދިފައި ނެތް ކަމަށެވެ. ދައުލަތުން ހަމައެކަނި އެދުނީ ވިލިނގިލީ ކޯޓުގެ އަމުރު ބާތިލުކޮށް ދިނުމަށްކަން ފާހަގަކުރައްވައި ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހުކުމް ބާތިލުކޮށްދޭން އެދޭއިރު އެ ފައިސާ އަނބުރާ ލިބިދޭން ޖެހޭކަމުގެ އަމުރަކަށް ދައުލަތުން ނޭދޭންވި ސަބަބެއް ނުވިސްނުނު ކަމަށެވެ.
މީގެ އިތުރުން އެ ފަނޑިޔާރު ވިދާޅުވީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ވަނީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ޝަރީއަތްކުރުމުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުން ހިފައިފައި ކަމަށެވެ. ކޯޓުތަކަކީ ވެސް ދައުލަތުގެ އޮފީހަކަށްވާ އިރު, ދައުލަތުގެ މާލީ ކަންކަމުގައި ކޯޓުތަކުންވެސް އަމަލު ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި އެ ފައިސާ ދައުލަތުގެ ދަށުން ނެއްޓިގެން ދިޔައީ އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމުގެ ވަގުތު ލިބި، ދައުލަތުން އެކަން އެގޮތަށް ނުކުރުމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.
މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ޝުއައިބު ވިދާޅުވީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ވިލިނގިލި މެޖިސްޓްރޭޓުގެ ކޯޓުގެ ހުކުމް ބާތިލުކޮށް, ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އަމުރުކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން، އިހުމާލުވި ފަރާތްތަކުގެ ކިބައިން ހޯދުމަށްޓަކައި ގާނޫނުގެ ބާރާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށް އެންގުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު