އަހުލާގީ މައްސަލައެއްގެ ސަބަބުން އާސެނަލްގެ ކެޕްޓަން ބޭންޑް ޕިއޭ އެމެރިކް އަބަމަޔާން އަތުން ކެޕްޓަން ބޭންޑް އަތުލައިފިއެވެ.

އުމުރުން 32 އަހަރު ގެބޯން ފޯވަޑް އަބަމަޔާން އަތުން ބޭންޑް އަތުލި ސަބަބާ ގުޅޭ ގޮތުން ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އެކަން ކުރީ "ކްލަބުގެ މަސްލަހަތު" އިސްކޮށް، ކްލަބުގެ ޝަރަފު ދެމެހެއްޓުމަށް ކަމަށެވެ. އަހުލާގީ މައްސަލައެއްގެ ސަބަބުން މިދިޔަ ހަފުތާ އާސެނަލްއިން ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންވެސް އަބަމަޔާން ބޭރުކޮށްފައިވާ އިރު، ރޭ އޮތް ވެސްޓް ހަމް މެޗުގެ ސްކޮޑުގައިވެސް އޭނާ ނުހިމެނޭނެ ކަމަށް އާޓެޓާ ބުނެފައިވެއެވެ.

އަބަމަޔާންގެ އަތުން ބޭންޑް ނެގުމަކީ އުނދަގޫ ނިންމުމެއް ކަމަށް އާޓެޓާ ބުނެފައިވާ އިރު، އޭނާ ބުނެފައި ވަނީ އެކަން ކުރީ މަޖުބޫރުވެގެން ކަމަށެވެ. އަބަޔަމަޔާން އަތުން ބޭންޑް ނަގަން ޖެހުނު ސީދާ ސަބަބު އާޓެޓާ ހާމަކޮށްފައެއް ނުވެއެވެ. އިތުބާރު ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަބަމަޔާންގާއި މެދު އާސެނަލްއިން ފިޔަވަޅު އެޅީ ކްލަބަށް ނާންގައި އަމިއްލަ ކަމެއްގައި ޗުއްޓީއަށް ގޮސް، ކްލަބު ފަރިތަކުރުންތަކަށް ރިޕޯޓް ކޮށްފައި ނުވުމުންނެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑް އަބަމަޔާންއަށް ދިނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އޭގެ ކުރިން ހުރި ކެޕްޓަން ގްރަނިޓް ޒަކާގެ އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ކުރިން ހުރި ކޯޗު އުނައި އެމެރީ ވަނީ ޒަކާގެ އަތުންވެސް އެފަހަރު ބޭންޑް އަތުލައިފައެވެ.

މީގެ ކުރިންވެސް އަބަމަޔާންގެ އަހުލާގީ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު، އެފަހަރު އާޓެޓާ ވަނީ އޭނާއަށް ކަންކަން ރަނގަޅު ކުރަން ފުރުސަތު ދީފައެވެ. އާޓެޓާ ބުނެފައި ވަނީ އޭގެ ފަހުންވެސް އަބަމަޔާންއާ ގުޅުން ރަނގަޅު ކަމަށާއި، އަބަމަޔާންގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން އެންމެ ދެރަވަނީ ގުޅުން ރަނގަޅުކޮށް ދަނިކޮށް އެފަދަ ކަމެއް ދިމާވުމުން ކަމަށެވެ.