ދަރަނި މިނެކިރުމުގައި ބަލަން ޖެހޭނީ ދަރަނީގެ އަދަދަށް ނޫން ކަމަށާއި ދަރަންޏަށް ނެގި ފައިސާއިން ކޮށްފައި ހުރީ ކޮން ކަންތައްތަކެއްތޯ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުކް އަޒީޒް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ދަރަނި 79 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަބްރޫކް ރޭ ވިދާޅުވީ، ދަރަނި ނަގައިގެން ކުރަނީ ކޮން ކަންތައްތަކެއްތޯ ބަލަން ޖެހޭ ކަމަށެވެ.
"އެއް މިލިއަން ރުފިޔާ ނަގާފައި އަޅުގަނޑު އެޅީ 2 ގެތޯ 1 ގެތޯ؟ އެއް ގެ އަޅައިފިއްޔާ އޭގަ އިސްރާފު ހުރުން ވަރަށް ބޮޑު އެ ލާރި ނަގާފަ 2 ގެ އެޅޭ ކަމަށް ވަންޏާ. އެހެންވީމަ އެ މިނުން ކިރަން ޖެހޭ ދަރަނީގެ ބޭނުން ހިފާފަ ހުރީ ކިހިނެއްތޯ" މަބްރޫކް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ މަބްރޫކް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށާއި މި ސަރުކާރުގެ މިހާތަނަށް އައިއިރު 34 ބިލިއަންގެ ދަރަނި އެބަހުރި ކަމަށެެވެ،
މަބްރޫކް ވިދާޅުވީ، މިސަރުކާރުން ނެގި ދަރަނިން ކޮށްފައިވާ ކަންކަމުގެ ފައިދާބޮޑު ކަމަށާއި އެގޮތުން، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވެމުން މިއަންނަނީ، ދަރަނި ނެގުމުގެ ސަބަބުން ކަމަށެވެ.
"ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ދިވެހިން އެފަދަ ހާލެއްގައި ނުޖެހޭނެ ގޮތްވީ، ރާއްޖޭގެ ހާލަތު ދަމަހައްޓައި ވިޔަފާރިތައް ވެސް މުޅިން ހަލާކުވިޔަ ނުދިނީ، އާދެ ވަރަށް ބޮޑަށް އަސަރު ކުރި، އެހެންނަމަވެސް ހަލާކުވިޔަ ނުދީ މުސާރަ ދީގެން. އެގޮތަށް ޝަރުތުތައް ކޮށް ލޯން ދީގެން ވީ ވަރަކަށް އިގްތިސޯދުގެ ސްކެލެޓަން ހިފެހެއްޓުނީ" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އިގްތިސޯދީ ހަރަކާތް ހިންގުމަށް ދަރަނި ނެގުން އެއީ މައްްސަލައެއް ނޫން ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކުންވެސް ގަބޫލު ކުރައްވާނެ ކަމަށެވެ.