މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ކުރުމަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު، އެކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެޗްޑީސީން ނަހަމަ ގޮތުގައި ރަޖިސްޓްރީ ބޭނުންކުރާ ކަމަށެވެ. އަދި ރަޖިސްޓްރީ ބާތިލުކުރަން ޖެހުނީ ސަރުކާރާއި އެލްޖީއޭއާ ވާހަކަ ދައްކައިގެން ހުޅުމާލޭގެ އިހުތިސޯސް، ސިޓީ ކައުންސިލަށް ނުލިބުމުން މާލޭ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅެމުންދާތީ ކަމަށެވެ.

ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ކުރިން، ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ ދެބަސްވުމެއް ވެސް ހިނގައިފައެވެ. އެއީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެޗްޑީސީން އެ ޖަލްސާ ބޭއްވޭނީ އެކުންފުނީގެ ހުއްދަ ނަގައިގެން ކަމަށް ބުނުމުން އުފެދުނު ދެބަސްވުމެކެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، މޭޔަރު މުއިއްޒު މިހާރު ދައްކަވަމުން ގެންދަވާ ވާހަކައަކީ އަމިއްލަ އަތުން ސޮއިކުރެއްވި ސިޓީތަކަށް ބަދަލު ގެނައުމުގެ ވާހަކަ ކަމަށެވެ. އެގޮތުން އެޗްޑީސީއަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުޅުމާލޭގެ ބާރުވެރިކަން އެޗްޑީސީއަށް ދިނީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެޗްޑީސީއަކީ އެތައް އިންވެސްޓަރުންނަކާ ގުޅުން އޮންނަ އަދި އެ ކޯޕަރޭޝަންގެ ނަންމަތީގައި އެތައް ލޯނެއް ނަގާފައިވާ ކޯޕަރޭޝަނެއް ކަމަށާއި ކުއްލިއަކަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ގެއްލުން މުޅި ސަރުކާރަށް ކުރާނެ ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނެ އެއް ބޭފުޅަކީ ޑރ. މުއިއްޒު ކަމަށް ވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގައި އުސޫލުތަކެއް ހުންނަ ކަމަށެވެ. އަދި ހުޅުމާލޭގެ ރަޖިސްޓްރީ ބަދަލު ކުރީ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމުންކަން އެންމެންނަށްވެސް އެނގޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކުއްލިއަކަށް އެ ނިންމެވުން ނިންމެވީ ރާއްޖެއަށް ނުވަތަ މާލެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ނިންމަވަންހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.

ރަޖިސްޓްރީ ބާތިލުކުރި މައްސަލަ އެޗްޑީސީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ. އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އެއް މައްސަލައަކީ ސިޓީ ކައުންސިލުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދުނު މައްސަލަ އާއި ސިޓީ ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ރެޕިއުޓޭޝަން ޑެމޭޖުގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މީގެ ކުރިން ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން އެ ކުންފުނީގެ ރެޕިއުޓޭޝަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިމަގުގައި ކުންފުންޏަށް ދަތިތަކެއް ދިމާވެ ގެއްލުންތަކެއްވުން އެކަށީގެންވާ ކަމަށެވެ.

އެ މައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާ އިއްޔެ ވަނީ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

ރަޖިސްޓްރީ ބާތިލްކުރި މައްސަލަ އެޗްޑީސީގެ ފަރާތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އަށްވެސް ހުށަހެޅިއެވެ. އެ އެ އޮތޯރިޓީން ނިންމީ މާލޭ ސިޓީ ކައުންސިލަށް އެ އެއްބަސްވުން ބާތިލު ނުކުރެވޭނެ ކަމަށެވެ.