ރާއްޖޭގައި މިހާރު މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް ސަރުކާރުން ވަރުގަދަ ރައްދެއް ދީފިއެވެ.
ކާނިވާ ސަރަހައްދުގައި "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި މިހާރު ނެތް ކަމަށާއި ރާއްޖޭގެ މީޑިއާތަކުން ތިބެނީ އިންޑިއާ އެމްބަސީން ފައިސާ ނަގައިގެން ސަރުކާރުގެ މުށުގެ ތެރޭގައި ކަމަށެވެ.
ރައީސް ޔާމީންގެ އެވާހަކަތަކަށް ސަރުކާރުގެ ފަރާތުން ރައްދު ދެއްވައި، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، އެބޭފުޅުންނަށް ސަނާ ކިޔާ ނޫހެއް ނޫން ނަމަ އެބޭފުޅުން ބޭނުންފުޅު ނުވާ ކަމަށެވެ. އެގޮތުން އެއިރު އޮތް ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނި ނޫސްތަކަށް ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ހަވީރު ނޫސް ޖެހުނު ބަންދުކުރަން. ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާ އަޅުގަނޑުމެން ހަނދާނެއް ނުނެތޭ. ސީއެންއެމް ޖެހުނު ބަންދުކުރަން. ސޯޝަލް މީޑިއާގައި އުޅޭ ކުދިންވެސް އެންމެ ފަހުންގޮސް ބަންދުކުރާ ހިސާބަށް ކަންކަން ދިޔަ" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އަބުރުގެ ގާނޫނެއް ވުޖޫދުކޮށް ރައީސް ޔާމީންގެ ސަރުކާރުން ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ރާއްޖޭގެ މިނިވަން ނޫސްވެރިކަން ދުވަހަކު ދަށަށް ނުދާ މިންވަރަށް ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ދަށަށް ގޮސްފައިވާ ކަމަށެވެ.
"ހަގީގަތަކީ ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ދުވަހަކު ދަށަށް ނުދާ ހިސާބުގައި އޮތީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރު، 120 ގައި އަޅުގަނޑުމެން އޮތީ، މިހާރު އަޅުގަނޑުމެން އޭގެ 48 ރޭންކް ކުރިއަރައިފި. ކޮންމެ އަހަރަކުވެސް އިތުރު ޕްރޮގްރެސް އެބަ ލިބޭ" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ނޫސްވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ސެލްފް ފަންޑެޑް މީޑިއާތަކެއް އުފެދޭނެ ފުރުސަތު ރާއްޖޭގައި ފަހިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ރާއްޖޭގައި 200 އެއްހާ ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފައިވާއިރު އެކްޓިވްކޮށް އުޅެނީ 40 ވަރަކަށް މީޑިއާ ކަމަށާއި ކުދި މީޑިއާތައްވެސް މިހާރު ފުޅާވަމުން އަންނަ ކަމަށެވެ.