ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ އުމަރު ޒާހިރަށް ކޮވިޑް ޖެހިފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

އުމަރު ޒާހިރުގެ ގާތް ބޭފުޅަކު "ވަން" އަށް މިރޭ ވިދާޅުވީ އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ސީރިއަސްވެގެން މިވަގުތު ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން ގުޅައިގެން ކަމަށެވެ. އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.

މިހާރު އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.