ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭނެއް ގާއިމުކުރަން އެއްބަސްވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އިސްނަގައިގެން ފޮރިން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާއި ސިންގަޕޫރުގެ ހެލްތު މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކަށް ފަހު، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭން (ވީޓީއެލް) އެއް ގާއިމުކުރުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ކަަމަށެވެ.

އެއާއެކު ވެކްސިންގެ ޑޯޒް ފުރިހަމަކޮށްގެން ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ކޮންމެ ދިވެއްސަކަށްވެސް ސިންގަޕޫރަށް ދަތުރުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރާ މީހުންނަށް މި ވީޓީއެލްގެ ދަށުން ދަތުރު ކުރެވޭނެއެވެ. އެ ވީޓީއެލްގެ ދަށުން ދަތުރުކުރުމަށް ޝަރުތު ހަމަވާ މީހުން ކަރަންޓީނުވާކަށް ވެސް ނުޖެހޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދޫކޮށްފައިވާ ކޮވިޑް 19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓުތަކުން ނެގަޓިވް ޕީސީއާރު ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށެވެ.

ވީޓީއެލްއާ ބެހޭ އިތުރު މައުލޫމާތު https://safetravel.ica.gov.sg/arriving/overview އިން ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.