މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމާލާގައި ބޮން ގޮއްވާލި ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދު ޖަލަށްލުމަކުން، ކުރަން ހުރި މަސައްކަތްތައް އަދި ނުނިމޭ ކަމަށް އެ ހަމަލާގެ ތަހުގީގުގެ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުނީ، އޭނާއަށް އެކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުން ތަކެއްގެ ސަބަބުން ކަމަށެވެ. އެ ކަމަށް ޓަކައި ރައީސް ނަޝީދާއި އެ ހަމަލާފައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން އައްބާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދުހަމަށް ހުކުމް ކުރެވިގެން ގޮސްފައިވަނީ ތަހުގީގީ މަރުހަލާގައި ފުލުހުންނާއި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

"ނަމަވެސް މިކަމަކީ (އަދުހަމަށް ހުކުމް ކުރުމަކީ) ކުރިއަށް ކުރަން ހުރި މަސައްކަތްތަކަށް އެޅޭ ހިޔަންޏަކަށް ވެގެން ނުވާނެ. މި މައްސަލައިގެ ފުނަށް އަދިވެސް ދާންޖެހޭ، ފަންޑުކުރި މީހުން ހޯދަން ޖެހޭ" އައްބާސް ވިދާޅުވިއެވެ.

ބޮން ގޮއްވާލި މައްސަލައިގައި އަދުހަމްގެ އިތުރުން ދެން ދައުވާކޮށްފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމު، ފަހުމީ އަލީ، އިސްހާގު، މުހައްމަދު ތަސްލީމު އަދި އަބްދުﷲ އަލިމަނިކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުއަށް ދައުވާ ނުކުރަން ވަނީ ނިންމައިފައެވެ. އެގޮތަށް ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ، ފާތިހުއަކީ ކުރިން ޕޮލިސް އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ.