މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމާލައި އެއްމެ އިސްކޮށް އުޅުން އެކަމު ކަމުގައިވާ ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ދެންމެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އަދުހަމަކީ ސައިކަލްގައި ހަރުކޮށްފައިހުރި އައިއީޑީ، ރިމޯޓު ބޭނުންކޮށްގެން ގޮއްވައިލި މީހާއެވެ.

އޭނާ ބުނާގޮތުން ނަމަ މި ހަމަލާގައި އޭނާއާ ހަވާލު ކޮށްފައިވާ ޓާސްކަކީ އެއީ އެވެ. އައިއީޑީ ގޮއްވާލުމެވެ.

އެހެންކަމުން އެރޭ 8:25 ގައި، ރައީސް ނަޝީދު ގ. ކެނެރީގެއިން ހިންގަވާފައި ނިކުމެ ވަޑައިގެން، ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އަދުހަމް އައީޑީ ގޮއްވާލާފައި ވަނީ، އަތަމާ ޕެލަސް ގޯޅީގައި ހުރި ތަނބަކާ ނިވައިވެލުމަށްފަހުގައެވެ. އޭރު އެސައިކަލް ހުރީ ނިލޯފަރު ހިނގުމާ މަޖީދީމަގުގެ ކަންމަތީގައި ގާތްގަނޑަކަށް ރައީސް ނަޝީދުގެ ކާރުކޮޅާ ހިސާބުގައެވެ.

މި މައްސަލައިގައި، ހައްޔަރުކޮށް ދައުލަތުގެ ފަރާތުން އަދުހަމްގެ މައްޗަށް ހަތަރު ދައުވާއެއް ކުރިއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ދައުލަތާއެލު ހެދި އެއްބަސްވުމުގެ ދަށުން ޝަރީއަތުގެ މަޖިލީހުގައި އޭނާ އެ ދައުވާތަކަށް ވަނީ އިއުތިރާފުވެފައެވެ.

އެހެންކަމުން އެ މައްސަލައިގައި ދައުލަތަށް އޭނާ ދެމުން އަންނަ އެއްބާރުލުމުގެ ސަބަބުން ލުޔެއް ދިނުމުގެ ގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އޭނާގެ މައްޗަށް ނުކޮށް ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފައެވެ.

އަދުހަމްގެ މައްޗަށް މިއަދު ކޯޓުން 23 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް މި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ޖަލު ބަންދުގައި ހޭދަ ކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 21 ދުވަހެވެ. އެއީ, ތަހުގީގީ މަރުހަލާ އާއި، ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށްފަހުގައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުނީ، އޭނާއަށް އެކުށް ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރެވިފައިވާ ގަބޫލުކުރެވުން ތަކެއްގެ ސަބަބުން ކަމަށެވެ. އެ ކަމަށް ޓަކައި ރައީސް ނަޝީދާއި އެ ހަމަލާފައި ޒަހަމްވި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.