އިންޑޮނޭޝިއާއަށް މިއަދު 7.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އިންޑޮނީޝިއާގެ އިރުމަތީ ނުސާ ޓެންގާރާ ޕްރޮވިންސުގެ ފްލޯރެސް އަށެވެ. އެމެރިކާގެ ޔޫއެސް ޖިއޯލޮޖިކަލް ސާވޭ އިން 7.3 ގައި ރެކޯޑުކުރެވުނު މި ބިންހެލުމުގެ އަސަރު އެ ސަރަހައްދަށް ކޮށްފައިވާއިރު ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރުވެސް ވަނީ ނެރެފައެވެ. މި ބިންހެލުން އައި ކަމަށް ރެކޯޑުކުރެވިފައިވަނީ ޖީއެމްޓީ ގަޑިން 03.20ގައެވެ.
އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާ ބީއެމްކޭޖީ އިން އެންމެ ފުރަތަމަ މި ބިންހެލުން ރިޕޯޓުކޮށްފައިވަނީ 7.4 ގެ ބާރު މިނުގެ ބިންހެލުމެއް ކަމަށާއި އަދި ބިންހެލުމާ ގުޅިގެން ނުރައްކާތެރި ސުނާމީއެއް އުފެދިދާނެކަމަށް ބުނެއެވެ.
މި ބިންހެލުމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވީކަމުގެ މައުލޫމާތެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. ފްލޯރެސްގެ އިރަމަތީ ރަށެއް ކަމަށްވާ އަޑޮނާރާގައި ދިރިއުޅޭ މީހަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބިންހެލުމުގެ އަސަރު ކުރުމާ ގުޅިގެން މީހުންތައް ކޮޅުކޮޅު މައްޗަށް ދުއްވައިގެން ކަމަށާއި އަދިވެސް ބިރުވެރިކަން ފިލާފައި ނުވާ ކަމަށެވެ.
އިންޑޮނޭޝިއާގެ މަލޫކޫ، ނުސާ ޓެންގާރާގެ އިރުމައްޗަށާއި ހުޅަނގުގެ ސަރަހައްދުތަކަށް، ސުލަވެސީގެ ހުޅަނގު ދެކުނާއި އިރުމަތީގެ އިތުރުން ލަރަންޓުކާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ. އިންޑޮނޭޝިއާގެ ފްލޯރެސްއަށް އައި ބިންހެލުމާ ގުޅިގެން 5.6 ގެ އިތުރު ބިންހެލުމެއް ވަނީ ލަރަންޓުކާ އަށް އައިސްފައެވެ.
މިހާތަނަށް އިންޑޮނޭޝިއާއަށް އައި އެންމެ ބޮޑު ބިންހެލުމަކީ 2004ވަނަ އަހަރު 9.1 މެގްނިޓިއުޑްގެ ބިންހެލުމެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި މި ބިންހެލުމުގެ ސަބަބުން 220،000 މީހުން އެ ސަރަހައްދުން އެކަނި މަރުވެފައިވާއިރު އިންޑޮނޭޝިއާއިން އެކަނިވެސް އެ ބިންހެލުމުގައި ވަނީ 170،000 މީހަކު މަރުވެފައެވެ. މި ހާދިސާއަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. އެ ބިންހެލުމުގައި ރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ.
އިންޑޮނޭޝިއާގެ ޖާވާގައި މިމަހުގެ 4 ވަނަ ދުވަހު ވަނީ ސެމެރޫ ފަރުބަދަ ގޮވުމުގެ ހާދިސާއެއް ވެސް ހިނގާފައެވެ. އެ ހާދިސާގައި 48 މީހަކު މަރުވެފައިވާއިރު 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައިކަމަށް ހަބަރުތައް ބުނެއެވެ.
މިއަދު ރާއްޖެ ގަޑިން 8.20 ގައި އިންޑޮނޭޝިއާއަށް އައި މި ބިންހެލުމާ ގުޅިގެން ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މީޓިރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ އިންޑޮނޭޝިއާގެ ފްލޯރެސް ކަނޑަށް އައި މި ބިންހެލުމަކީ މާލެއާ 5564 ކިލޯމީޓަރުގެ ދުރުން އައިސްފައިވާ ބިންހެލުމެއް ކަމަށާއި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ