މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނެތް ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުމުގައި އެ ކޮމިޝަންގެ ދައުރު ފުޅާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި އެޗްއާރުސީއެމްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އިންސާނީ ހައްގުތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުން އެކަނި ނޫން ކަމަށެވެ.
އެންމެ ބޮޑު ބޭނުމަކީ ގާނޫނުއަސާސީންނާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިދިނުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ބާރުއެޅުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތަކަށްވުރެ ވެސް ކުރިން ޖާގަ ހޯދާފައިވަނީ އަސާސީ ހައްގުތައް. އެ ހައްގުތަކަކީ އެންމެ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް. އެ ހައްގުތައް ހޯދުމަށްޓަކައި އެތައް އަހަރެއް ވަންދެން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައިފި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިރިހުރުމުގެ ހައްގާއި ރަނގަޅު ކާނާ އާއި ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި ރަނގަޅު ސިއްހީ ހިދުމަތް ލިބުން ފަދަ، ފަރުދުންގެ ޒާތީ އެތައް ހައްގުތަކެއް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި މުޅި މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ހައްގުތަކެއް ވެސް ބަޔާންކޮށްފައި އެބަހުރި ކަމަށާއި ގައުމަކަށްވީތީ ގައުމީ މަސްލަހަތާ ގުޅިފައިވާ ހައްގުތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
އެ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ގޮތެއްގައި ލިބިދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށާއި އެ ޒިންމާ އަދާކުރުންމަތީ ސަރުކާރުގެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިދެންނެވި ހައްގުތަކަކީ މީގެ ކުރިން ހަމައެކަނި ގާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ހައްގުތަކެއް. އާދެ، ލިޔުމުގައި އޮންނަ ކިޔުމުގައި ނޯންނަ ހައްގުތަކެއް. މިއަދު އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވި ހައްގުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކެއް ކަމުގައި ހެދުން،"
މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައި ވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން. އިންސާނީ ހައްގުތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުން. އަދި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރި ނަމަ، އެކަމެއް ނައްތައިލުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހުރިހާ ހައްގުތަކެއް ރައްޔިތުންނަށް ލިބިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ ސަރުކާރުން އަދާކުރާ މިންވަރު ބެލުމަށް އުފައްދާފައިވާ ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަން ކަމަށެވެ.
"އެ ކޮމިޝަނަށް މިފުރުނީ 18 އަހަރު. ގާނޫނުއަސާސީ ބުނާ ގޮތުން ނަމަ ބޮޑު މީހަކަށްވެ، ޒިންމާތަކާއި ހައްގުތަކާއި މަސްއޫލިއްޔަތުތައް އިތުރުވެގެން ދާ އުމުރަށް އެޅީ،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިދިޔަ 15 ވަރަކަށް އަހަރު، ސިޔާސީ ފިއްތުންތަކެއްގެ ތެރޭގައި އޮތުމުން، ކޮމިޝަންގެ ހަގީގީ ޒިންމާ އަދާކުރެވިފައިވާ ކަމަށް ދެންނެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް މި ކޮމިޝަނަށް، އަދި އެހެން މިނިވަން މުއައްސަސާއަކަށް ވެސް ނޯންނާނެކަން އަޅުގަނޑު ޔަގީންކަމާއެކުގައި ދަންނަވަން. ސަރުކާރުގެ ފަރާތުން މި ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ސަބަބުން ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ހައްގުތައް ލިބިދޭ މިންވަރާ މެދު ސަރުކާރު ޒިންމާދާރު ކުރުމުގައި މި ކޮމިޝަންގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން. އެއީ ހެޔޮ ފާލެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އުންމީދަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޗްއާރުސީއެމްގެ ފަރާތުން މަސައްކަތް ކުރާއިރު، އިންސާނީ ހައްގުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދީގެން އެ މަސައްކަތް ކުރުން ކަމަށެވެ. އަދި ބޭނުންވާ ހައްގުތައް ލިބެނީ ވަށައިގެންވާ މާހައުލުންކަން އެންމެންގެ ސިކުނޑިތަކުގައި މިހާރަށް ވުރެ ބޮޑަށް ހަރުލައްވަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.