ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދީގެން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް ކަމަށާއި އެ މިނިވަންކަން ދިނުމުން ލިބެނީ ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ހައްގަކީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.
"މީގެ އަހަރުތަކެއް ކުރިން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑަކުން ބައްދާލާފައި. މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާގެ ކަމަކީ ނޫސްވެރިންނާއި ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ފިއްތުންތަކާ ހެދި ކުރިން ގިނަ މީޑީއާތަކެއް ހުއްޓާލަން ޖެހުނު ކަމަށާއި ނަމަވެސް މިއަދު ނޫސްވެރިންނަށް މިނިވަންކަން ދީފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ހައްގެއް ކަމަށާއި ހަމަ އެފަދައިން އަބުރު ރައްކާތެރިކުރުމަކީ ވެސް ކޮންމެ މީހެއްގެ ޒާތީ ހައްގެއް ކަމަށެވެ.
އެހެންކަމުން ހިޔާލު ފާޅުކުރަންވާނީވެސް އަދި ނޫސްވެރިކަން ކުރަންވާނީވެސް އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށް ރައްކާތެރިވެ ތިބެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު