ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވައިފިއެވެ.
މުބާރާތް ކުޅެން ހަމަޖެހިފައިވާ ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ ދިހަ ޓީމުގެ ފަރާތުން ބައިވެރިވެފައިވެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތަކީ ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް އެކަނި ކުޅެވޭ ގޮތަށް އިންތިޒާމު ކޮށްފައިވާ މުބާރާތެކެވެ. ލ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް=ުތަކާއި ޖަމިއްޔާތަކުންވެސް މުބާރާތުގައި ވާދަކުރާ އިރު، އެ ރަށްރަށުގެ ޓީމުތަކުގައި ހިމަނަން ޖެހެނީ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޓީމު ލިސްޓުގައި ރަށުން ބޭރުން ޖެހެނީ ގިނަވެގެން އެންމެ ކުޅުންތެރިއެކެވެ. އެ ކުޅުންތެރިޔާއަކީވެސް ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވާން ޖެހެއެވެ.
ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި އެ މުބާރާތް ވެގެންދަނީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތަށެވެ. މުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ ފޯމެޓަކަށެވެ.
ގްރޫޕް އޭ: އައިލެންޑް ޔޫތު ޔުނައިޓެޑް، ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާ، ތިއްތި ސްޕޯޓްސް ކްލަބު، ކުނަހަންދޫ ކައުންސިލް، ހައްދުންމަތީ ދަނބިދޫ ކައުންސިލް އިދާރާ
ގްރޫޕް ބީ: ލ. މާބައިދޫ ކައުންސިލް، އަމީގޯސް ސްޕޯޓްސް ކްލަބު، ތުނޑި ގޯޅި ސްޕޯޓްސް ކްލަބު، މާހިންނަ ސްޕޯޓްސް ކްލަބު، ޕޮލިސް ކްލަބު
ގަމު ކައުންސިލުން އިސްނަގައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދާ ގުޅޭގޮތުން މުބާރާތުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގަމު ކައުންސިލުގެ މެންބަރު އަބްދުﷲ އާސިފް "ވަން" އަށް ވިދާޅުވީ، މުބާރާތަކީ ސްކައުޓިނަށް ހުޅުވައިލެވޭނެ ދޮރެއް ކަމަށެވެ.
"އާންމުކޮށް ސަރުކާރުގެ، ފުޓުބޯޅައިގެ ފަރާތްތަކުން މި ފޯކަސް ކުރަނީ ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަން ފަދަ މުބާރާތްތަކަށް އެކަނި. އެކަމަކު ހަގީގަތުގައި މި ރަށްރަށުގައި އެބަތިބި ގައުމީ ލެވެލްގައި ކުޅެވޭނެ ހުނަރުވެރި ކުޅުންތެރިން. އެ ކުޅުންތެރިންނަށް ނެތީ ފުރުސަތެއް. އެހެންވީމާ މިއީ ސްކައުޓިންއަށް ހުޅުވައިލެވޭ ފުރުސަތެއް. ކޯޗުންނާއި ފުޓުބޯޅައިގެ މީހުންނަށް ހުނަރު ހުރިކަން ދައްކަން އެބަޖެހޭ. ހުނަރު ހުރި ކުޅުންތެރިންނަށް ކެރިއަރަކަށް ފުރުސަތު ދޭން އެބަޖެހޭ،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ރަށްތަކުގެ، އަތޮޅުގެ ކުޅުންތެރިންނަށް އެކަނި މުބާރާތް ކުޅެވޭނެ ގޮތަށް ގަވާއިދު ހެދިފައި އޮތް އޮތުމަކީ މަގުސަދު ހާސިލުކުރަން އެޅި ފިޔަވަޅެއް ކަމަށާއި، މައިގަނޑު މަގުސަދަކީ ލ. އަތޮޅުގައި ފުޓުބޯޅަ ދިރުވައި އާލާކުރުން ކަމަށެވެ. ހާއްސަކޮށް ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުން އެއީ މައިގަނޑު އަމާޒެއް ކަމަށްވެސް އާސިފް ފާހަގަކުރެއްވިއެވެ.
ގަމު ކައުންސިލް މުބާރާތް އަހަރުގެ މެދު ތެރޭގައި ބާއްވަން ކުރިން މަސައްކަތް ކުރި ނަމަވެސް ގަން-ފޮނަދޫ ސަރަހައްދުގައި ކޮވިޑް 19 ގެ ހާލަތު އޮތް ގޮތުން މުބާރާތް ވަނީ ވަރަށް ބޮޑަށް ފަސްކުރަން ޖެހިފައެވެ. އެގޮތަށް ފަސްކުރަން ޖެހި، ޑިސެމްބަރުގައި މުބާރާތް ބާއްވަން ޖެހުމުން ޗެލެންޖުތަކަކާ ކުރިމަތިލާން ޖެހުނު ކަމަށްވެސް އާސިފް ފާހަގަކުރެއްވިއެވެ.
"އަސްލު ކޮވިޑް 19ގެ ސަބަބުން މުބާރާތް ވަނީ ވަރަށް ބޮޑަށް ފަސްކުރަން ޖެހިފައި. ކުރިން އޮތް ގޮތުން އިތުރު ހަތަރު ވަރަކަށް ޓީމުން ބައިވެރިވާން މަސައްކަތްކުރި. ލަސްވުމުން މާވަށް، މާމެންދޫގެ އިތުރުން އިސްދޫއާއި މުންޑޫއަށްވެސް މުބާރާތުގައި ބައިވެރިނުވެވުނު. އެހެން ނަމަވެސް ދިހަ ޓީމާއެކު މުބާރާތް ފޯރިގަދަވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ. މިހާރު ޒޯން ސްޓޭޑިއަމްގައި ރަށުން ބޭރުގެ ޓީމުތަކުން ފްރެންޑްލީ މެޗުތައް ކުޅޭއިރުވެސް ސިޑިބަރި އެބަ ފުރާލާ. އެހެންވީމަ ފޯރި ގަދަވާނެކަން ޔަގީން،" އާސިފް ވިދާޅުވިއެވެ.
އާސިފް އިތުރަށް ވިދާޅުވީ ސްޕޮންސާ ލިބުން މި މުބާރާތަށް ދަތިވި ނަމަވެސް ކައުންސިލުން ޒުވާނުންނަށް ރަނގަޅު މުބާރާތެއް ބާއްވައިދިނުމަށް ހާއްސަ ބަޖެޓެއް އެލޮކޭޓްކޮށް، އެކަން ކުރަން ކޮންމެހެންވެސް ބޭނުންވި ކަމަށެވެ. ތަރުހީބަށް ބަލައި، މިހާރު ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް މުބާރާތް ބާއްވަން ކަމަށްވެސް އާސިފް ވިދާޅުވިއެވެ. ހާއްސަކޮށް ގަމުގެ ވަސީލަތްތައް ބޭނުންކޮށް ކުޅިވަރުގެ ޓޫރިޒަމަކަށް މިސްރާބު ޖެހުމަކީވެސް މުބާރާތުގެ ދުރު ރާސްތާ އަމާޒެއް ކަމަށް އާސިފް ފާހަގަކުރެއްވިއެވެ.
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް