ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި 53 ނުކުތާ ފާހަގަކޮށްފައިވާ އިރު، އޭގެ ތެރޭގައި އިންތިހާބުގެ ސައްހަކަން ގެއްލޭ ނުކުތާތައްވެސް ހިމަނާފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، 2018ގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.
އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް"، މި ނަމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއް ކަމަށާއި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށްވެސް ފުލުހުން ބުންޏެވެ.
"އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި މި ހިދުމަތުން ދެކެމެވެ..،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އާންމުކޮށްފައިވާ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.
ފުލުހުންގެ ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ތަހުގީގު ރިޕޯޓުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ އޮފިސަރުން ވޯޓު ފޮށި ދޮށަށް ގޮސް، ވޯޓު ފޮށި ކައިރީގައި ބޭނުންކުރަމުންދިޔަ އައިޕެޑް އަތުލައި ބޭނުންނުކުރެވޭ ގޮތް ހަދައިފައިވެއެވެ. އަދި ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އިލެކްޝަންސްގެ އޮފިސަރުން ބިރުދައްކައި އިންޒާރުދިން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލާފައިވާ މީހުންގެ އަދަދުގެ އިތުރަށް ވޯޓު ފޮށީގައި ވޯޓު ކަރުދާސް އިތުރުވެފައިވާ ކަމާއި، ޔޫވީ ލައިޓު އެޅުވުމުން ބައެއް ވޯޓު ކަރުދާސްތަކުން ސެކިއުރިޓީ ފީޗާސްތައް ހުރިކަން ނުދައްކާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ރިޕޯޓުގައި އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ އެހެން ބައިވަރު ކަންކަންވެސް ފާހަަގަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު