1978ވަނަ އަހަރު ނުކުތް ''ޑޮން'' އަކީ އަމީތާބު ބަޗަން ލީޑު ރޯލުން ފެނިގެން ދިޔަ ވަރަށް ކާމިޔާބު ފިލްމެކެވެ. ނަމަވެސް މި ރޯލަށް އެންމެ ފުރަތަމަ ހަމަޖެހުނު ތަރިއަކީ އަމީތާބެއް ނޫނެވެ.

ޗަންދުރާ ބަރޯތު ޑައިރެކްޓު ކުރި ''ޑޮން'' ވަނީ އަމީތާބުގެ ކުރިން ދޭވާނަންދް، ޖީތެންދުރަ އަދި ދަރްމެންދުރަ އަށް ހުށަހަޅާފައެވެ. މި ފިލްމު ކުޅުމުގެ ފުރުސަތު އަމީތާބަށް ލިބުނީ އެމީހުން ފުރުސަތު ދޫކޮށްލުމުންނެވެ.

ޗަންދުރާ މި ފިލްމު އުފައްދާފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިޔަކު ދަރަނިން ސަލާމަތްކުރުމަށް ކަމަށާއި މި ފިލްމު މިހާ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ކުރިން ބެލެވިފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.

ނަމަވެސް ''ޑޮން'' ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މިފިލްމުގެ ސަބަބުން އަމީތާބު ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރިއަރައިގެން ގޮސްފައެވެ.

އަމީތާބު ބަޗަންގެ އިތުރުން ޒީނަތު އަމަން، ޕްރާން އަދި މެކް މޯހަން ވަނީ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ގޮސްފައެވެ. މި ފިލްމުގެ ރީމޭކެއް ވަނީ 2006ވަނަ އަހަރުވެސް އުފައްދައިފައެވެ. 2006 ވަނަ އަހަރު ނެރުނު ''ޑޮން'' ގައި އަމީތާބުގެ ކެރެކްޓާ ކުޅެދީފައިވަނީ ޝާހްރުކް ހާން އެވެ. އަދި އެހެނިހެން ރޯލުތަކުން ޕްރިޔަންކާ ޗޯޕްރާ، އަރްޖުން ރާމްޕާލް، ބޫމަން އިރާނީ ފެނިގެން ގޮސްފައިވެއެވެ.