ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ ވަރުގެ މަދަދެއް ލިބުމަކީ ކުށްވެރިންނަށް ކެތް ވާނެ ކަމެއް ނޫން ކަމަށް އީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކ. ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި ކާރޫބާރޫގެ ތެރެއިން ނުރައްކާތެރި އުދަބާނިއެއް ރާއްޖޭގެ ހުރަހަށާއި ދިގަށް ހިނގާ ކަމަށެވެ.

ބައިނަލްއަގުވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތުތައް ހިންގާ ފަރާތްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވެސް ހަރަކާތްތެރިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ މި ދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު ޑްރަގް ނެޓްވޯކުތަކަށާއި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތުތައް ހިންގާ ފަރާތްތަކުގެ ބޭނުންތަކަށް ދޫ ނުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނިފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށެވެ. އެކަން ނުކުރައްވާނެ ކަމަށާއި އެކަން ކުރަންޖާގަވެސް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅު ޕީޕީޕީއެމް/ޕީއެންސީން ކެމްޕެއިން ފަށައި، ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިރޭވެސް އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އަޑު އުފުލައިފައެވެ.

"އިންޑިޔާ އައުޓް" ކެމްޕެއިނަކީ ރާއްޖެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިންޑިޔާ އިން ބަލަހައްޓައި ގާނޫނާ ހިލާފު ކަންކަން ހުއްޓުވާތީ ހިންގާ ކެމްޕެއިނެއް ކަމަށް ސަރުކާރުގެ އިސްވެރިން އަންނަނީ ތުހުމަތު ކުރަމުންނެވެ.