ޚަބަރު

ރައީސް ބައިޑެންގެ "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސް ސޯލިހު ގައުމީ ބަޔާން އިއްވަވައިފި

އައިޝަތު ނިއުޝާ

އެމެރިކާގެ ރައީސް އިންތިޒާމުކުރައްވައިގެން ބޭއްވެވި "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމީ ބަޔާން އިއްވަވައިފިއެވެ.

ރައީސް އޮފީހުން ރޭ ބުނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ހުދުމުހުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދިޔަ "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވައިފި ކަމަށެވެ.

ވާޗުއަލްކޮށް ކުރިޔަށްގެންދާ މި ސަމިޓުގައި ގައުމުތަކުގެ އިސް ލީޑަރުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، އަމިއްލަ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ޑިމޮކްރެސީތަކަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް އަމާޒުކޮށް، ކުރިޔަށްގެންދާ މި ސަމިޓަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ދިފާއުކުރުމާއި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ލީޑަރުން ވެވަޑައިގެންފައިވާ ވައުދުތައް ހިއްސާކުރެއްވުމަށް ވެސް އޮތް ޕްލެޓްފޯމެއް ކަމަށެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓިކް ހަމަތައް ބޮއްސުންލާންފަށައި އިންސާނީ ހައްގުތަކަށް އަރައިގަތުން އިތުރުވަމުންދާ މި ދަނޑިވަޅަކީ މިފަދަ ސަމިޓަކަށް އެންމެ މުނާސަބު ވަގުތު ކަން ފާހަގަކުރައްވާފައިވާ ކަމަށާއި އަދި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރާއިރު ޑިމޮކްރެސީ ހަރުދަނާކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ.

އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ހުދުމުހުތާރުވެރިން ހުއްޓުވުމަށާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށާއި، އޭގެ އިތުރުން މިހާރު އޮތް މާލިއްޔަތު ގާނޫނާއި ގަވާއިދު އިސްލާހުކޮށް، ގާނޫނީ އޮނިގަނޑުގައި ހުރި ފަރަގުތައް ނައްތާލުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންގެންދާ ކަން ފާހަގަކުރައްވައި މިކަންކަމާއެކު "އޯޕަން ޕާޓްނަރޝިޕް"އަށް މަގުފަހިވެ، މިހާރަށްވުރެ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށް ވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދަނީ ޖަމިއްޔާ ޖަމާއަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެ ތިބެ މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވުމާއެކު، ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ޖުޑިޝަރީ ހަރުދަނާކޮށް މިނިވަންކަން އިތުރުކުރުމާއި، އަދި މި ދާއިރާއިން ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމަ އެހެންމެ ރާއްޖޭގެ ގައުމީ ތަރައްގީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މިހާރުވެސް ތައުލީމީ ދާއިރާގެ 78 އިންސައްތަ ހިއްސާކުރަނީ އަންހެނުން ކަމަށާއި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ދާދި ފަހުން ގެންނެވި އިސްލާހުތަކުގެ ތެރޭގައި، ކޮންމެ ކައުންސިލެއްގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރަށްރަށުގައި މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

"ސަމިޓް ފޯ ޑިމޮކްރަސީ"ގެ ނަމުގައި ވާޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި މި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.