އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމުކުރައްވައިގެން ވާޗުއަލްކޮށް ބާއްވަވާ "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމު ކުރައްވައިގެން ވާޗުއަލްކޮށް ކުރިޔަށްގެންދެވި "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސުލް ސޯލިހު ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
ވައިޓްހައުސް އިން ވާޗުއަލްކޮށް ބާއްވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާއި، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްއަގުވާމީ، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނީ، މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހައި، އެވާހަކަތައް ދެއްކުމުގައި ގައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުން ކަމަށެވެ.
އޭގެ އިތުރުން މި ހަރަކާތުގައި ރައީސުލް ސޯލިހު ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ގައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ގާއިމުވެފައި ވަނީ އެއްގައުމު އަނެއްގައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައިވެސް ފާހަގަކުރައްވަވާފައިވާ ކަމަށެވެ.