ގައުމީ ކްރިކެޓް ޓީމުގެ ތަރި މުހައްމަދު ރިޝްވާނަށް ޕާކިސްތާންގެ ކްރިކެޓް ސުޕަ ލީގުގެ ޕްލޭޔާ ޑްރާފްޓުން ފުރުސަތު ލިބިއްޖެއެވެ.

ޕާކިސްތާން ސުޕަ ލީގަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީ20 ކްރިކެޓް ލީގެވެ. ހަ ފްރެންޗައިސްއަކާއެކު ކުރިއަށް ގެންދާ ލީގަކީވެސް އިންވެސްޓަރުންގެ ލީގެކެވެ. ކްރިކެޓްގެ ތަރިން ޕާކިސްތާން ލީގުގައި ފެނިގެންދާ އިރު، ފުރަތަމަ 2016 ވަނަ އަހަރުގެ ސީޒަންގައިވެސް ލީގަށް ސާފު ފައިދާގެ ގޮތުގައި 2.6 މިލިއަން ޑޮލަރު ވަދެފައިވެއެވެ.

މިއަހަރަށް މުބާރާތަށް ކަނޑައެޅި ބިދޭސީ ކުޅުންތެރިންގެ ޑްރާފްޓްގައި ރިޝްވާން ހިމެނެނީ ސިލްވާ ކެޓަގަރީގައެވެ. މުޅި ލިސްޓަށް ބަލާއިރު، ރިޝްވާން އޮތީ ބިދޭސީ 445 ކުޅުންތެރިންގެ ލިސްޓުގެ ތެރެއިން 352 ވަނައިގަ އެވެ.

ޕާކިސްތާން ސުޕަ ލީގުގެ ކުޅުންތެރިން ނެގުމުގެ ބިޑިން އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. ޑްރާފްޓް ކުޅުންތެރިންގެ ބިޑްގައި ލީގުގެ ހަ ޓީމުންވެސް ވާދަކުރާ އިރު، ޑްރާފްޓަކީ އެ ހަޓީމަށް ކުޅުންތެރިން ނަގަން ބާއްވާ ޑްރާފްޓެކެވެ. ޑްރާފްޓަށް ކުޅުންތެރިން ހޮވާނީ މެޗުތަކުގައި ދައްކާ ކުޅުމަށް ބަލައިގެންނެވެ.

ރިޝްވާނަށް ޕާކިސްތާން ލީގުން ފުރުސަތު ބޮޑުކޮށް އޮތް އިރު، ކްރިކެޓް ބޯޑުން ބުނެފައި ވަނީ ރާއްޖޭގެ ކުޅުންތެރިޔަކު ޑްރާފްޓަށް ދިޔުމަކީވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ބައިނަލްއަގުވާމީ ކްރިކެޓް މައިދާނުގައި މީގެ ކުރިން ވެސް ދިވެހި ކްރިކެޓް ކުޅުންތެރިން ވަނީ ފެނިފައެވެ. އެގޮތުން ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް ވަނީ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްގެ ސްކޮޑާއެކު ތަމްރީން ހެދުމުގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅެފައެވެ. އަދި ހަސަން ވަނީ މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް ވެސް ކުޅެފައެވެ.