މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުން ހުޅުމާލޭގެ ތަރައްގީއަށް ކުރިމަގުގައި ހުރަސް އެޅިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ހައުސިން ޑިވްލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓިވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސުހެއިލް ވިދާޅުވީ، ހުޅުމާލޭގެ ފޭސް ދޭއް ތަރައްގީކުރުމުގެ މަސައްކަތް އަދި ކުރިއަށް އޮތީ ކަމަށެވެ. އެކަން އެހެން އޮއްވައި ސިޓީ ކައުންސިލުން ކުއްލިއަކަށް ނިންމި ނިންމުމުގެ ސަބަބުން ފޭސް ދޭއް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި ވިދާޅުވީ ފައިސާ ދޭން ތިބި ފަރާތްތަކުގެ އިތުބާރު ކުންފުންޏަށް ގެއްލޭނެ ކަމަށާއި، އެހެންކަމުން އިންވެސްޓަރުންގެ އިތުބާރު ކުންފުންޏަށް ހޯދަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުއްލިއަކަށް ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ހޯދަން ވެސް އުނދަގޫވާނެ ކަމަށެވެ.

ސުހެއިލް ވިދާޅުވީ، ސިޓީ ކައުންސިލުން ރަޖިސްޓްރީ ބާތިލުކުރިއިރު ވެސް އެކަމުން ނުކުންނާނެ ނެދޭވޭ އަސަރު ކައުންސިލަށް އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ 2005 ވަނަ އަހަރު ނަގާފައިވާ ހުޅުމާލޭގެ ފޮޓޯއެއް މިއަދު ފެނިވަޑައިގެންނެވި ކަމަށާއި، މިހާރު ހުޅުމާލޭ ތަރައްގީވެފައި މިއޮތް ވަރަށް ތަރައްގީވީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ހުޅުމާލޭ އެންމެ މީހެއްގެ ތަނަކަށް ހަދައިގެން އުޅޭތަން ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ކޮންމެ ޕާޓީއެއްގައި ވެސް ސަޕޯޓަރުން ތިބޭ ކަމަށާއި، އެ ސަޕޯޓަރުން ޕާޓީތަކުން ކުރާ ނުރަނގަޅު ކަންތައް ވެސް ބަލައިގަންނަ ކަމަށާއި، ސިޓީ ކައުންސިލުން އެފަދަ ނޭދެވޭ ކަމެއް ކުރީ ފަހަރެއްގައި އެ ޕާޓީގެ ސަޕޯޓަރުން އެކަމަށް ތާއިދުކުރާތީ ކަމަށެވެ.

ސިޓީ ކައުންސިލުގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ގާނޫނިީ އެއްވެސް ބޭފުޅަކު ނުދެކޭ ކަމަށާއި، އަދި ރާއްޖޭގެ ގިނަ ރައްޔިތުން ވެސް އެގޮތަށް ނުދެކޭ ކަމަށް ސުހެއިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމެއް ކުރާނަމަ އެކަމެއް ހައްލު ކުރަންވާނީ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށެވެ. ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ ދެން ދާން ޖެހޭނީ ޝަރުއީ މަރުހަލާއިން ހައްލު ހޯދަން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ފެނުނީ މޭޒުދޮށުން ކަންތައްތަކެއް ކުރެއްވި މަންޒަރު ކަމަށެވެ.

އިތުރަށް ސުހެއިލް ވިދާޅުވީ، ސިޓީ ކައުންސިލުގެ އެ ނިންމުމަކީ ސިޔާސީ މަންފާއަކަށް ކުރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ގެއްލުން ލިބެނީ އެޗްޑީސީ، ނުވަތަ އެ ކުންފުނީގެ އިސް ވެރިންނަކަށް ނޫން ކަމަށާއި އެކަމުގެ ގެއްލުން ލިބެނީ ހުޅުމާލޭ ރައްޔިތުންނަށް ކަމަށެވެ.

ސިޓީ ކައުންސިލުން ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލުކުރުމުގެ ކުރިން، ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ވަނީ ދެބަސްވުމެއް ވެސް ހިނގައިފައެވެ. އެއީ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ޖަލްސާއެއް ބާއްވަން ތައްޔާރު ވެފައި ވަނިކޮށް އެޗްޑީސީން އެ ޖަލްސާ ބޭއްވޭނީ އެކުންފުނީގެ ހުއްދަ ނަގައިގެން ކަމަށް ބުނުމުން އުފެދުނު ދެބަސްވުމެކެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ މި ޖަލްސާ ބޭއްވުމުގެ ހުއްދަ އިދިކޮޅު ކޯލިޝަނަށް ދީފައެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެޗްޑީސީން ރަޖިސްޓްރީ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ރަޖިސްޓްރީ ބާތިލުކުރަން ޖެހުނީ ސަރުކާރާއި އަދި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާ ވާހަކަ ދައްކައިގެން ހުޅުމާލޭގެ އިހުތިސޯސް ސިޓީ ކައުންސިލަށް ނުލިބިމުން މާލޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅެމުންދާތީ ކަމަށެވެ.