މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިރޭ ވިދާޅުވީ، ސިވިލް ކޯޓަށް އެޗްޑީސީގެ ފަރާތުން ހުށަހަޅާފައިވަނީ ދެ މައްސަލައެއް ކަމަށެވެ. އެއް މައްސަލައަކީ ސިޓީ ކައުންސިލުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދުނު މައްސަލައާއި ސިޓީ ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ރެޕިއުޓޭޝަން ޑެމޭޖުގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ކަމަށެވެ.

ސުހެއިލް ވިދާޅުވީ، ސިޓީ ކައުންސިލުގެ އެ ނިންމުގެ ސަބަބުން އެ ކުންފުނީގެ ރެޕިއުޓޭޝަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިމަގުގައި ކުންފުންޏަށް ދަތިތަކެއް ދިމާވެ ގެއްލުންތަކެއްވުން އެކަށީގެންވާ ކަމަށެވެ.

ސިވިލް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ވަރަށް އަވަހަށް ބާއްވަން ނިންމާފައިވާ ކަމަށާއި ކޯޓަށް ހާޒިރުވާން ޖެހެނީ އަންނަ އާދިއްތަ ދުވަހު ކަމަށް ސުހެއިލް ވިދާޅުވިއެވެ. ނަމަވެސް އަޑުއެހުން އޮންނަ ވަކި ގަޑިއެއް ވިދާޅެއް ނުވެއެވެ.

ސިޓީ ކައުންސިލުގެ ނިންމުމާ ގުޅިގެން ސުހެއިލް ވިދާޅުވީ، ސިޓީ ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފުކަމެއް ކުރާކަން ސިޓީ ކައުންސިލަށް ފާހަގަވިނަމަ އެކަން ހައްލުކުރަން ވާނީ ވާހަކަދައްކައިގެން ކަމަށާއި ވާހަކަދައްކައިގެން ހައްލު ނުވެއްޖެނަމަ ޝަރުއީ މަރުހަލާއިން ކަމަށެވެ. އަދި އެއްބަސްވުމުގައި ހުންނަ ކަންކަން ނިންމަންވާނީ މޭޒު ދޮށުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު، އެކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެޗްޑީސީން ނަހަމަ ގޮތުގައި ރަޖިސްޓްރީ ބޭނުންކުރާ ކަމަށެވެ. އަދި ރަޖިސްޓްރީ ބާތިލުކުރަން ޖެހުނީ ސަރުކާރާއި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާ ވާހަކަ ދައްކައިގެން ހުޅުމާލޭގެ އިހުތިސޯސް ސިޓީ ކައުންސިލަށް ނުލިބުމުން މާލޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅެމުންދާތީ ކަމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހޫނުވެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނުނަގައި ނުބޭއްވޭނެ ކަމަށް ބުނުމުންނެވެ. އެޗްޑީސީން ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.