މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ގުރު ނަގައި، ސްލޮޓްތައް ލިބުން ފަރާތްތައް އިއުލާނުކުރީ ހަރުދަނާ އިޖުރާއަތެއް ނެތިކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ އެމްޑީޕީ ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގެ ދިހަ ސަރަހައްދަކުން ޖުމުލަ 211 ޖާގައަށް ކުރިމަތިލި މީހުންގެ މެދުގައި ގުރު ނެގުން ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު މާލޭ ސިޓީ ކައުންސިލުގެ އިދާރާގައެވެ.
ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ޕާކިންއަށް އެކަށައެޅި 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރުނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބުކަމެއް ކަމަށެވެ.
ކައުންސިލަރުން ބުނީ، ގުރުއަތުލުން ކުރިއަށް ގެންދިޔައީ، އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށެވެ.
"ގުރު ނެގުމުގެ އިންތިޒާމު ކުރީ އެ މަސައްކަތަށް މޭޔަރު އެކަށައެޅުއްވި ކޮމިޓީއަށް އެނގުމަކާ ނުލައި، އަދި ކޮމިޓީގެ ބައިވެރިވުމެއް، ލަފައެއް ނެތި ޑެޕިއުޓީ މޭޔަރު ގިނިކަންޏާއެވެ. މިބާވަތުގެ އާންމުންގެ މަސްލަހަތު އެކުލެވޭ ގުރެއް ކަމެއް ހިންގަންވާނީ ކަމާބެހޭ ކޮމިޓީން އެކަށައަޅާ އިޖުރާއަތުތަކަކާއި، ހަމަތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަމުގައި އަޅުގަނޑުމެން ދެކެމެވެ..،" އެމްޑީޕީ ކައުންސިލަރުންގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ޕާކިން ސްލޮޓަށް އެދި ހުށަހެޅި ފަރާތްތައް ހިޔާރުކުރުމަށް ގުރު ނެގުމުގައި ބޭނުންކުރީ ރަސީދު ސްލިޕް ނަންބަރު ކަމަށެވެ. އެއީ ޕާކިން ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ރަސީދު ސްލިޕުގައި އޮތް ފޯމު ނަންބަރު ކަމަށާއި ނަމެއް، އެޑްރެހެއް، އަދި އެހެންވެސް އައިޑެންޓިފަޔަރެއް ނުލައި، ރަސީދު ސްލިޕް ނަންބަރު ގުރު ނެގުމަށް ބޭނުންކުރީ ދެފުށް ފެނުން ކުޑަގޮތެއްގައި ކަމުގައި ދެކޭ ކަމަށެވެ.
"ގުރު ނެގުމުގައި ރަސީދު ސްލިޕުގެ ނަންބަރު ބޭނުންކޮށްފައި ވާއިރު ސްލޮޓަށް އެދި ހުށަހެޅި ލިޔެކިޔުމާއި މާލެ ސިޓީ ކައުންސިލުން ހަވާލުވެފައި ރަސީދު ސްލިޕް ނުދޭ މީހުންނާއި އަދި ރަސީދު ސްލިޕުގައި ނަންބަރު ނުޖަހާ ވެސް ސްލިޕް ދޫކޮށްފައި ހުރިކަންވެސް އަޅުގަނޑުމެން ފާހަގަކުރަމެވެ..،" އެމްޑީޕީ ކައުންސިލަރުންގެ ބަޔާނުގައިވެއެވެ.
މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު