މާލެ އިން ދެ މީހަކު ގަދަކަމުން ކާރެއްގެ ޑިކީއަށް ލައިގެން ހުޅުމާލެއަށް ގެންދިއުމަށް ފަހު އަނބުރާ މާލެ ގެނެސް ގަރާޖެއްގެ ތެރޭގައި އެ ދެ މީހުންނަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ، އެ ދެ މީހުން ގަދަކަމުން ކާރެއްގެ ޑިކީއަށް ލައިގެން ގެންދިޔައީ މާލޭގެ ގެއަކުން އެއްޗެހިތަކެއް ވަގަށް ނެގި މައްސަލައެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

"މި ދެންނެވި ވައްކަމުގެ މައްސަލަ 22 ނޮވެމްބަރު ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ވައްކަމުގެ މައްސަލަ ހުށަހެޅި ފަރާތުން އިސްވެ ހުރެ، ވައްކަމުގެ ތުހުމަތުކުރެވޭ ބައެއް މީހުން ހޯދައި އެ ފަރާތްތަކުން ވަގަށް ނެގި ކަމަށް ބުނާ ބައެއް ތަކެތި ހޯދުމުގެ ބޭނުމުގައި ދެ މީހަކު ކާރެއްގެ ޑިކީއަށް ލައި، ބަންދު ކުރުމަށް ފަހު ހުޅުމާލެއަށް ގެންގޮސްފައިވޭ. އެއަށްފަހު މާފަންނުގައި ހުރި ގަރާޖަށް މިދެންނެވި ދެ މީހުން ގެނެސް އެމީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވޭ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، އެ ދެމީހުން ރަހީނުކޮށް އަނިޔާކުރީ، ގޭންގަކަށް ނިސްބަތްވާ 15 މީހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 21 އަހަރާއި 36 އަހަރާ ދެމެދުގެ ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން 34 އަހަރުގެ މީހަކު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ. ހައްޔަރުކުރި އެންމެންނަކީވެސް މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހުންނެވެ.