ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތްތައް ލަސްވާތީ، އެ މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޕީޖީ އޮފީހުގެ މަސައްކަތުގައި ހުރި މައްސަލަތަކެއް ކޮމިޓީއަށް ފާހަގަވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ މަސައްކަތާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ހެދި އޮޑިޓުންނެވެ.
މަަޖިލިސް ޗުއްޓީގައި އޮއްވައި މިއަދު ބޭއްވި މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ޕީޖީ އޮފީހުގެ މައްސަލަތައް ލަސްވާތީ އެ މައްސަލަ ބަލަން ޖުޑީޝަރީ ކޮމިޓީއަށް ދެންނެވުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ މެމްބަރު އަހުމަދު އަބްދުﷲ ގެ ހުށަހެޅުން ފާސްކޮށްފައިވަނީ ހަތް މެންބަރުންގެ ވޯޓާއެކު ކަމަށެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަނި ކަމަށެވެ.
"ޕީޖީއަށް ހުށަހެޅޭ މައްސަލަތައް ލަސްވާތީ މެމްބަރުންގެ މައިގަނޑު ކަންބޮޑުވުންތަކެއް ހުރީ" މީކާއީލް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށްވެސް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ކޮމިޝަންގެ މަސައްކަތްތައް ދާގޮތާ މެދު ހިތްހަމަނުޖެހިގެން، އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުގައެވެ.
ކޮމިޝަންގެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، މަރިޔަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު