ފަތުރުވެރިކަމަށް ބައި ގަރުނު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓާ ހެޑާއި އީމެއިލް ފުޓާގައި ބޭނުންކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހު އެކަން އެގޮތަށް ހަމަޖެއްސެވީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށް ވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން އެ އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފުތިތާހުކޮށްފައެވެ.

މި ލޯގޯ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރަމްޒުވާ ސިފަތައް ހިމަނައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއާތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުން ކުރާނީ އިނގިރޭސިބަހުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.