މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖުގެ ހިދުމަތްތަކަށް ނަގަމުން އަންނަ ފީތައް ކުޑަކޮށްފި އެވެ.

މިކަން އާންމު ކުރީ އެ ކުންފުނީން މިއަދު ބެއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އެމްޕީއެލް އިން ބުނީ މި ބަދަލުތަކާ ގުޅިގެން، މެރިޓައިމް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ހިޔާލު އެ ކުންފުންޏަށް ލިބުމާއެކު، އެ ކުންފުނިން ޕައިލެޓޭޖު ޓެރިފްތައް އަލުން ރިވިއުކޮށްފައިވާ ކަމަށެވެ. ޕައިލެޓޭޖް ފީތައް ރިވިއުކުރުމުގެ މަރުހަލާގައި އެ ކުންފުނިން މެރިޓައިމް އިންޑަސްޓްރީގެ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތްތައް އަދި ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ލަފާތަކަށް، ރިޔާއަތްކޮށްފައިވާ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި މަސައްކަތުގައި އެމްޕީއެލް އިން އަވަށްޓެރި ގައުމުތަކުގެ ޕޯޓުތަކުން މި ވަގުތު ނަގަމުން އަންނަ ޕައިލަޓޭޖް ފީތަކުގެ އަގުތައް ދިރާސާ ކޮށް، އެ އަގުތަކަށް ވެސް ރިއާޔަތްކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މި ގެނައި ބަދަލާއެކު، އެ ކުންފުނީގެ ޕައިލަޓޭޖް ފީތައް، ސަރަހައްދީ ގައުމުތަކުގައި ނަގަމުން އަންނަ ޕައިލަޓޭޖް ފީތަކާ އަޅައިކިޔޭ، ވާދަވެރި އަގުތަކެއް ކަމުގައިވާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލް އިން ބުނީ ޕައިލަޓޭޖު ފީތައް އަލުން ރިވިއުކޮށް، އެކުންފުނިން ގެނައި ބަދަލުތަކާއެކު މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވެރެޖްކޮށް 50 ޕަސެންޓު ކުޑަވާނެ ކަމަަށެވެ.

މީގެ އިތުރުން، ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް އެމްޕީއެލް އިން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޓަގު ކުއްޔަށް ދޭ އަގުތައް 30-50 ޕަސެންޓާއި ދޭތެރޭގެ އަގަކަށް ކުޑަކޮށްފައިވާ ކަމަށާއި އެކުންފުނިން ދޭ އެހެނިހެން ހިދުމަތްތަކުގެ އަގަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެމްޕީއެލް އިން ބުނީ މިމަހުގެ އެއްވަނަ ދުވަހު ޕައިލަޓޭޖް ފީތަކަށް ބަދަލު ގެނެވުނު ނަމަވެސް މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނި އެ ކުންފުނިން އަބަދު ވެސް މަސައްކަތްކުރާނީ، މެރިޓައިމް އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށާއި، މެރިޓައިމާ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް ފަހިވާނެ ފަދަ މާހައުލެއް ގާއިމްކުރެވޭނެ ގޮތްތަކަށް އިސްކަންދީގެންކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ކަންކަން ނިންމުމުގައި، މެރިޓައިމް އިންޑަސްޓްރީގައި ޝާމިލުވާ ފަރާތްތަކުގެ ހިޔާލުތައް ބަލައިގަންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.