ޚަބަރު

ޖޫރިމަނާ ފައިސާ ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ރައީސް ޔާމިނުއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި މައްސަލައިގައި، އަދަބެއްގެ ގޮތުގައި ކުރިމިނަލް ކޯޓުން ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ރައީސް ޔާމީނު ދައްކާފައި ނުވުމުން، އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް ޔާމިނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އޭޖީ އޮފީހުގެ ފަރާތުން ރައީސް ޔާމިނާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކުރީ ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އަދަބު ސުޕްރީމް ކޯޓުން ބާތިލުކުރުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުކުމްކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. ރައީސް ޔާމީނު އެފައިސާ ނުދައްކާތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭޖީ އޮފީހުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ. އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ތަމްސީލު ކުރާ ގޮތަށެވެ. އެ މައްސަލަ ހުށަހެޅިއިރު މީރާއަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ހައިސިއްޔަތު ލިބިދީފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އެމަނިކުފާނަށް މިހާރު ވަނީ ގާނޫނުން ލިބިދޭ ކުރީގެ ރައީސުންގެ އިނާޔަތް ދޭން ވެސް ފަށައިފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރައީސް ޔާމީނުގެ އިނާޔަތްތައް ހިމަނާފައެއް ނުވެއެވެ. އެއީ ބަޖެޓު ފާސްކުރިއިރު އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކަނޑައަޅާފައިވުމުންނެވެ. ނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، ފިނޭންސް މިނިސްޓްރީން ވަނީ އެމަނިކުފާނުގެ އިނާޔަތްތައް ކޮންޓިންޖެންސީ ބަޖެޓުން ދޭން ނިންމައިފައެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ދައުރު ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ފައިސާ ޖަމާ ކުރި މައްސަލައިގައެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާ ކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ބުނެއެވެ.

އެސްއޯފުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑުމުލާގެ އިކުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބިދޭން ޖެހޭ ފައިސާ ކަމަށް ދައުލަތުން ދެކެއެވެ. އަދި އެއީ ހިޔާނާތުގެ ފައިސާކަން ރައީސް ޔާމީނަށް އެނގޭ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

މިހާރު ވެސް ރައީސް ޔާމީނުގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައެވެ. މިއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ފަށައިފައެވެ.

މީގެ އިތުރުން ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ވެސް ރައީސް ޔާމީނުގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން ރިޝްވަތުގެ ނެގުމުގެ ކުށާއި މަނީ ލޯންޑާ ކުރި ކަމުގެ ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވައިފައެވެ.