ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުގައި 2-0 އިން އިންޓަ މިލާން ބަލިކޮށް، ރެއާލް މެޑްރިޑުން އެއްވަނަ ޔަގީންކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރުވެސް ދެޓީމަށް އޮތީ ގަދަ 16 ޔަގީންވެފައެވެ. އެހެން ނަމަވެސް ގްރޫޕުގެ އެއްވަނަ ޔަގީންކުރުމަށް މެޗު އޮތީ މުހިންމު ވެފައެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ފަސޭހަކަމާއެކު 2-0 އިން ކާމިޔާބުކޮށްފައިވާ އިރު، މެޗުގެ ގޯލުތައް ޖަހައިދިނީ ޓޯނީ ކްރޫސްއާއި މާކޯ އެސެންސިއޯއެވެ.
މިހާތަނަށް ސީޒަންގައި ފޯމު ގެއްލުވައިނުލައި ރެއާލުން ކުޅެމުން އަންނަ އިރު، ލަލީގާ ތާވަލުގައިވެސް މިވަގުތު އެޓީމު އޮތީ އެއްވަނައިގައެވެ. ޒުވާން ޓީމަކާއެކު ކޯޗު ކާލޯ އެންސެލޯޓީ ތަފާތު ދައްކަމުންދަނީ ލަލީގާ ތައްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގެއްގެ އުންމީދުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މިވަގުތު ރެއާލް މިއޮތީ ވަރަށް ރަނގަޅަށް. ޓީމުގެ ކުޅުމުގެ ފެންވަރަށް އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ޑިފެންސް ކުރުމުގައިވެސް ކުރިއަށްވުރެ ބޮޑަށް ރެއާލް ވަރުގަދަ ވެއްޖެ. ބައެއް ފަހަރު އެންމެ ބޭނުންވާ ވަރަށް ޕްރެސްކޮށް ނުޖެއްސުނު ނަމަވެސް އެއީ މައްސަލައެއް ނޫން. ޓީމުގައި ޖޯޝުވެސް އެބަހުރި. ގަބޫލުކުރާ ގޮތުގައި ލަލީގާ ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގަށް ވާދަކުރެވޭނެ ފެންވަރު ޓީމުގައި އެބަހުރި. ޗެމްޕިއަންސް ލީގު ނެގޭނެއޭ ބުނެވޭނެ އެއްވެސް ޓީމެއް ނޯންނާނެ، އެހެންވީމަ ވަރުގަދަ ޓީމުތަކާއެކު ރެއާލުންވެސް ވާދަކުރާނެ،" އެންސެލޯޓީ ރޭގެ މެޗަށްފަހު ބުންޏެވެ.
ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ. ރެއާލުން ރެކޯޑު 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2017-18 ވަނަ އަހަރުގެ ސީޒަންގައެވެ. އޭގެ ކުރީ ދެ ސީޒަންގައިވެސް ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއެވެ. މިދިޔަ ސީޒަންގައި ރެއާލް ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލުގައި ޗެލްސީ އަތުން ބަލިވެގެންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު